ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 02:51
ސިޓީ އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިޔޯން މޮޅުވީ 3-1 ން
ސިޓީ އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިޔޯން މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސިޓީ ކަޓުވާލުމަށްފަހު ލިޔޯން ސެމީއަށް
ސިޓީ އަތުން ލިޔޯން މޮޅުވީ 3-1 ން
މިއީ 2009-2010 ވަނަ އަހަރުގެ ސީޒަނަށްފަހު މި މުބާރާތުގެ ސެމީގައި ލިޔޯން ކުޅޭނެ ފުރަތަމަ ފަހަރު
ސެމީގައި ލިޔޯން ބައްދަލުކުރަން ޖެހޭނީ ބަޔާން މިއުނިކާ

މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިޔޯން ދަތުރުކޮށްފިއެވެ.

ކުއާޓާފައިނަލުން ފެށިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ސެމީގެ ފަހު ޖާގަ ލިޔޯން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި 3-1 ން ސިޓީ ބަލިކުރުމަށްފަހުއެވެ. ސިޓީ ބަލިކޮށް ލިޔޯން ސެމީއަށް ދަތުރުކުރިއިރު، މިއީ 2009-2010 ވަނަ އަހަރުގެ ސީޒަނަށްފަހު މި މުބާރާތުގެ ސެމީގައި ލިޔޯން ކުޅޭނެ ފުރަތަމަ ފަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިޔޯނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެކްސްވެލް ކޯނެޓްއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ރަހީމް ސްޓާލިން ދިން ޕާހަކުން މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ.

މި މެޗުގައި ލިޔޯން ކޮޅަށް ނަތީޖާ އަލުން އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޫސާ ޑެމްބެލޭއެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ހޫސެމް އޯވާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ ވަނީ ލިޔޯނަށް އަލުން ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހު މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސިޓީގެ ސްޓާލިންއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ގޯލު ކުރިމަތީ ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިންނެވެ. އެއާއެކު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ލިޔޯނަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ސިޓީ ބަލިކޮށް ސެމީއަށް ލިޔޯން ދަތުރުކުރިއިރު، ސެމީގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް ސެމީއަށް ދަތުރުކުރި ބަޔާން މިއުނިކާއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް މެޗުތައް:

  • އާރްބީ ލެއިޕްޒީގް - ޕީއެސްޖީ (19 އޮގަސްޓް - 00:00)
  • ލިޔޯން - ބަޔާން މިއުނިކް (20 އޮގަސްޓް - 00:00)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް