އުރީދޫން 5 ގުނަ އާއި ހަމައަށް އިތުރުކުރެވިފައިވާ ސްޕީޑާއި އެކު، 68 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ ހިމެނޭގޮތަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑްކޮށްފިއެވެ.
އުރީދޫން ބުނީ މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަރނެޓް ބޭނުންކުރާވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއެއްގޮތުގެ މަތިން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، 5ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ބަދަލާއެކު ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕަރނެޓް އެޑޯންސްއާއެކު ވެސް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އުރީދޫ އިން ދިވެހިރާއްޖޭގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން. މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން. ހަމައެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ޚިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން.އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން
އުރީދޫން ބުނީ ހޮނޮހިރު ދުވަހު ސުޕަރނެޓް ޕެކޭޖްތައް ރިނިއުވެގެންދިޔައިރު މި ގެނެވުނު ބަދަލާއިއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބގެންދާނެ ކަމަށެވެ. އަދި ސުޕަރނެޓް ޕްލޭންތަކަށް ގެނެވުނު ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.