ކ. މާލެ
|
15 އޯގަސްޓް 2020 | ހޮނިހިރު 17:33
ރާއްޖެޓީވީގެ \"ފަލަސުރުޚީ\" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓް
ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 35 މިލިޔަން ރުފިޔާ އުނިކުރި: މަޙްލޫފް
ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވިދާޅުވި
މިއީ ހިތްއެދޭ ބާރުމިނެއްގައި ކުރިއަށްދާ މަޝްރޫއުތަކެއް ނޫން ކަމަށްވެސް ވިދާޅުވި

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން ގާތްގަނޑަކަށް 35 މިލިޔަނެއްހާ ރުފިޔާ އުނިކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޙްލޫފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ވުޒާރާގެ ޕީއެސްއައިޕީގެ ތެރެއިންވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ކިތަންމެ ވަރަކަށް ކަންކަން ކުރަން ބޭނުންވި ނަމަވެސް، މި ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ފައިސާއެއް ނުވަންނަ ކަމަށާއި، ނަސީބު ރަނގަޅު ކަމުން ކުޅިވަރާ ބެހޭ ވުޒާރާއިން ކޮވިޑް-19 ގެ ކުރިން ވަރަށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރެވުނު ކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ދެބައިކުޅަ އެއްބަޔަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް ހެދެމުން އަންނަ ކަމަށާއި، ފުޓްސަލް ދަނޑުތައް އަޅަމުންދާ ކަމަށެވެ. އަދި ވޮލީބޯޅަ ކޯޓުތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މީގެ އިތުރުން ސްކޭޓް ޕާކުތަކާއި، އައުޓްޑޯ ޖިމާއި، ވޯޓާ ސްޕޯޓްސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ވިދާޅިވިއެވެ. އެހެން ނަމަވެސް މިއީ ހިތްއެދޭ ބާރުމިނެއްގައި ކުރިއަށްދާ މަޝްރޫއުތަކެއް ނޫން ކަމަށާއި، މިވަގުތު ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ގާއިމުކުރަން ދަތި ކަމަށާ،އި އެކަން ރައްޔިތުން ގަބޫލުކުރަން ޖެހޭނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާގެ ބަޖެޓުން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރިއިރު، ރާއްޖެއިން ވަނީ 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގެ ބިޑް ކާމިޔާބު ކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން ވަޒީރު މީގެ ކުރިން ވިދާޅުވީ އައިއޯއައިޖީއަށް ކުރަންޖެހޭ މަސައްކަތް މިހާރު ދެ ގުނަވެފައިވާއިރު، ގޭމްސް ބާއްވަން ކުރަންޖެހޭ މަސައްކަތަށް ދެން އޮތީ ދެ އަހަރު ކަމަށެވެ. ރާއްޖޭގައި ގޭމްސް ބާއްވާނަމަ އެކަން ކުރަންޖެހޭނީ 2023 ވަނަ އަހަރުގެ މާޗު ނޫނީ އެޕްރީލް މަހު ކަމަށާއި، ގައުމުގެ އިގުތިޞާދާއި މިހާރު މިއޮތް ވަގުތައް ބަލާއިރު، އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް