ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 13:55
ބާސެލޯނާގެޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ: އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައި
ބާސެލޯނާގެޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ: އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައި
ގެޓީ އިމޭޖަސް
ޑެމްބެލޭ އަނިޔާއިން ރަނގަޅުވުން
ނުވަ މަސް ފަހުން ޑެމްބެލޭ ބާސާގެ ސްކޮޑަށް
ޑެމްބެލޭއަށް ފުރަތަމަ އަނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު
ފަހުން އަނިޔާވީ ފެބްރުއަރީ މަހު ކުރީކޮޅު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ޑެމްބެލޭ ވަނީ ހިމަނާފައި

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ބާސެލޯނާގެ ސްކޮޑުގައި ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހިމަނައިފިއެވެ.

ބާސާއަށް ބަދަލުވުމަށްފަހު އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޑެމްބެލޭގެ ފައިގެ ފަލަމަސްގަނޑަށް އެންމެ ފުރަތަމަ އަނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

އެ އަނިޔާއިން ރަނގަޅުވުމަށް މަސައްކަތް ކުރަމުން އައި ޑެމްބެލޭ ފެބްރުއަރީ މަހު ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް، ތަމްރީންތަކުގައި ޑެމްބެލޭގެ ކަނާތު ފަޔަށް އުނދަގޫތަކެއް ކުރިމަތިވެ އޭނާ ވަނީ ފަރިތަކުރުންތައް ދޫކޮށްލާފައެވެ.

އެއަށްފަހު އަނެއްކާވެސް ޑެމްބެލޭ ވަނީ ފަލަމަސްގަނޑުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެފަހަރު ބާސާއިން ބުނީ ޑެމްބެލޭއަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ހަ މަސް ނަގާނެ ކަމަށެވެ.

އަނިޔާއިން ރަނގަޅުވެ ބާސާގެ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވަމުން އަންނަނައިރު، އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގަށް ބާސާއިން އެކުލަވާލި ސްކޮޑުގައި ހިމަނާފައެވެ. އަދި ކުއާޓާފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމުގެ ފެހި ސިގްނަލް ޑޮކްޓަރުން ދީފައިވާ ކަމަށް ބާސާއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ޑޯޓްމުންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށް 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އަނިޔާގެ ގިނަ މައްސަލަތަކަކާ ޑެމްބެލޭ ކުރިމަތިލާން ޖެހުނުއިރު، މި ސީޒަނުގައި ފުލްކޮށް އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

މި ސީޒަނުގައި ބާސާއަށް އަދި ކާމިޔާބީއެއް ހޯދިފައިނުވާއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާނާ ދެކޮޅަށް ބާސާ ނުކުންނާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް