ޗައިނާގެ ރައްޔިތުން ފިޔަވައި އެގައުމަށް އެތެރެވާ ހުރިހާ އެންމެން ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ޗައިނާ ސަރުކާރުން ނިންމައިފިއެވެ.
ޗައިނާއިން މި ގޮތަށް ނިންމާފައިވަނީ ބޯޑަރު ހުރަސްކޮށް އެގައުމަށް ކޮވިޑް-19 ޖެހިފައި ތިބޭ މީހުން އެތެރެވިޔަ ނުދިނުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުންނެވެ. މި ނިންމުން ނިންމާފައިވަނީ އެގައުމުގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އާއި، ކަސްޓަމްސް އާއި ފޮރިން މިނިސްޓްރީން ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު ނިންމި ނިންމުމެއްގެ މައްޗަށެވެ.
މި ނިންމުމަށް އަމަލު ކުރަން ފަށާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކޮވިޑް-19ށް ނިއުކުލިކް އެސިޑް ޓެސްޓެއް ފުރުމުގެ 5 ދުވަސް ކުރިން ނުވަތަ 120 ގަޑިއިރު ކުރިން ހައްދަން ޖެހެއެވެ. އަދި މި ޓެސްޓް ހައްދަން ޖެހޭނީ ޗައިނާގެ އެމްބަސީން ހަމަޖައްސާ ތަނަކުން ކަމަށް ވެސް ބުނެފައިވެއެވެ.
ޓެސްޓް ހެއްދޭ 2 ތަނެއް ވަނީ ހަމަޖައްސާފައެވެ. އެއީ އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އަދި އެޕޮއިންޓްމަންޓް ގުޅައިގެންނާއި މެއިލް މެދުވެރިކޮށް ހެއްދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ބިދޭސީ ފަތުރުވެރިން ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި، މިގޮތަށް ނިންމާފައިވަނީ ކޮވިޑްގެ ނެގެޓިވް ނަތީޖާ ކުރީބައިގައި ހުށަހަޅާ އެއަރލައިންތަކުން ބޯޑިންގެ ކުރިން ކަންކަން ފަސޭހަ ކުރުމަށެވެ.
ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ގޮތަކީ ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ޓެސްޓް ހެއްދުމަށް އެޕޮއިންޓްމަންޓެއް ހައްދަން ޖެހޭނެއެވެ. ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބެއްގައި ހުރި މީހެއްނަމަ ފުލުހުންނަށް އީމެއިން މެދުވެރިކޮށް ހުއްދައެއް ނެގުމަށްފަހު މާލެ އައިސް ޓެސްޓް ހައްދަން ޖެހެއެވެ.
މީގެ އިތުރުން ޓެސްޓުގެ ނަތީޖާ ފުލައިޓް ފުރުމުގެ 24 ގަޑި އިރު ކުރިން ހޯދަން ޖެހޭނެ ކަމަށާއި، ބިދޭސީން ޖެހޭނީ ޕާސްޕޯޓުގެ މައުލޫމާތު ހިމެނޭ ފުށުގެ ސްކޭން ކޮޕީއަކާއި، ކޮވިޑް-19 ނެގެޓިވްވި ނަތީޖާ ސޮއިކޮށްފައިވާ ހެލްތް ޑިކްލަރޭޝަން ފޯމް ހުއްދައަށް އެދި އެމްބަސީގެ އީމެއިލްއަށް ފޮނުވަން ޖެހެއެވެ.
އަދި ހުއްދަ ލިބިއްޖެނަމަ ރަސްމީކޮށް އެމީހެއްގެ އީމެއިލްއަށް އަނބުރާ ފޮނުވޭނެ ކަމަށާއި، އަދި ފުރާ މީހާ އޭގެ ޕްރިންޓެއް ނެގުމަށްފަހު އޭގެ ހާޑް ކޮޕީއެއް އެއަރޕޯޓަށް ފުރަންދާން އިރު ގެންދަން ޖެހެއެވެ.