ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ. ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި ކްރިމިނަލް ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.
އެންމެ ފަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ އަޑުއެހުން ކެންސަލް ކުރީ ގާޒީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ އެވެ.
ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަމީން ފައިސަލުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައި، ދައުވާ އިއްވާފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިން ދިފާއުވާން ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ލިޔެކިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.
އަމީން ފައިސަލަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ޔާމީނަށް ހިމާޔަތްދޭންކަމަށް ބުނެ، ޔާމީނުގެ ނުރުހުމުގައި، އޭނާގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، އާރަށުގައި ބަހައްޓާފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.
ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާއިރު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދިވަޑައިގަންނަވާފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.
ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނިގެން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ފުރަތަމަ އަޑުއެހުން މާޗް މަހުގެ 29 ވަނަ ދުވަހަށް ތާވަލުކުރި އެވެ. ނަމަވެސް ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. މިމަހުގެ 26 ވަނަ ދުވަހަށް ރައީސް ނަޝީދުގެ ޝަރިއަތުގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.