ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 13:08
ކުޅިވަރާއި ބެހޭ ވަޒީރު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަނީ:
ކުޅިވަރާއި ބެހޭ ވަޒީރު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަނީ:
ރާއްޖެއެމްވީ
މަޙްލޫފްގެ ރައްދު އާޒިމަށް
ކުޅިވަރު ހަލާކުކޮށްލަން އާޒިމަށް ފުރުސަތެއް ނުދޭނަން: މަޙްލޫފް
"އަލީ އާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކައަކީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް އެނގޭ"
"އާޒިމްގެ އެންމެ ބޮޑު މަގުސަދަކީ ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރުމުން އޭނާ އެތަނުން ބޭރުކުރުން"
"އިތުރުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގެ ތެރެއިން ނެގުމަށް ބޭނުންވާ ސޮއި ހޯދުމަށް އާޒިމް މަސައްކަތް ކުރި"

ކުޅިވަރުގެ ޤާނޫނާ ޚިލާފަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަ އަކީ ސިޔާސީ ކަމެއް ކަމަށާއި، ރައްޔިތުންނަށްވެސް އެކަން ވަރަށް ސާފުކޮށް މިހާރު އިނގޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ ކަމެއް ގޯސްކޮށް ނުކުރާ ކަމަށާއި، ކޮށްގެން ނޫޅޭކަން ވެސް އެންމެ ރަނގަޅަށް އިނގޭނެ މެންބަރަކީ އާޒިމް ކަމަށެވެ.

މަޙްލޫފް ވިދާޅުވީ އާޒިމްގެ އެންމެ ބޮޑު މަގުސަދަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމުގައި ބައްސާމް އަދީލް ޖަލީލް ހުރުމުން އޭނާ އެތަނުން ބޭރުކުރުން ކަމަށާއި، އެކަން ކުރުމަށް އާޒިމާއެކު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރަކަށް ހުންނަ މީހަކަށް އަބަދު އެފްއޭއެމްއާ ތަޅަތަޅާ ހުންނީ ކިހިނެއްތޯ މަޙްލޫފް ވަނީ ސުވާލު ކުރައްވާފައެވެ.

މަޙްލޫފް ވިދާޅުވީ އަލީ އާޒިމަކީ މީގެ ކުރިން އެފްއޭއެމްގެ ރައީސްކަން ކޮށް، އެކަމުގެ ފޮނިރަހަ ވަރަށް ރަނގަޅަށް ލާފައިވާ މީހެއް ކަމަށާއި، އެހެންކަމުން އާޒިމް މިހާރު ކުރައްވަމުންގެންދާ މަސައްކަތަކީ އެކަމުގެ ދަހިވެތިކަމުގައި ކުރާ ކަމެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އެވަރަށް ދަހިވެތި ނުވާނަމަ، އެވަރަށް އެފްއޭއެމްއޭ ކިޔައިގެން ކުޅިވަރު ވަޒީރަކު ކުރަން ހުރި އެހެން މަސައްކަތްތައް ކުރިޔަނުދީ ފަހަތުން ދުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އާޒިމަކީ ގަދަ މީހެއްނަމަ މިހާރުން މިހާރަށްވެސް ކުލަބުތަކުގެ ވޯޓް ހޯދުމުން އެކަން ނިމުނީ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަޒީރު ވަށްދަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބާ ބެހުމާއި، އެކަން ހުއްޓުވުމަކީ ވަޒީރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ ސްޕޯޓްސް ކޮމިޝަނަރަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާޒިމަށް ހުރިހާ ކަމެއް އެނގިހުރެ، ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ހަލާކުކޮށްލިކަމުގެ ޒިންމާ ވަޒީރާއި ރައީސުލްޖުމުހޫރިއްޔާގެ ބޮލުގައި އެޅުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށާއި، އެ ފުރުސަތު އާޒިމަށް ނުދޭނެކަން ސާފުވާން ޖެހޭނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

އަދި މަޖިލިސް މެންބަރަކަށް ހުރެ، އާޒިމަށް އެކަން ކުރަން ބުނުމަކީ ފަސޭހަ ކަމެއް ނަމަވެސް، ވަޒީރަކަށް ހުންނަ މީހަކަށް އަބަދު ކުޅިވަރު އެސޯސިއޭޝަންތާއި ތަޅަތަޅާ ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު އޮތް ވެރިކަން ގެނައުމަށް މަސައްކަތްކުރި ދުވަސްވަރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ބާރު އަޑުން ވާހަކަ ދެއްކިއިރު، މިއަދު ސިޔާސީ ގޮތުން އެސޯސިއޭޝަންތަކާއި ކުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އެސޯސިއޭޝަންތާއި ކުޅެން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދީފައިނުވާ ކަމަށާއި، އެހެން ކަމުން މިއަދާ ހަމަޔަށްވެސް އެއްވެސް އެސޯސިއޭޝަނަކަށް ސިޔާސީ ޖަލްސާއަކަށް ނޫނީ ސިޔާސީ މަސައްކަތެއް ކުރުމަށް އެދިފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ ވެރިންގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރައްވާ ފަރާތްތައް ހިމެނޭއިރު، އެ ބޭފުޅުންނާވެސް ދައްކަނީ ކުޅިވަރުގެ ވާހަކަ ކަމަށާއި، ކުޅިވަރުގެ ކަންކަމުގައި އެއް ވެސް ބޭފުޅަކާއެކު މަސައްކަތް ކުރަން ހުރަހެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން އަލީ އާޒިމް ބުނެގެން ކުޅިވަރު ހަލާކުކޮށްލަން ހުރަކަށް ނުވާނެ ކަމަށާއި، އެ ފުރުސަތު އާޒިމަށް ނުދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުކަމުން ދުރުކުރުމަށް އާޒިމް މަސައްކަތް ކުރި: މަޙްލޫފް

މީގެ އިތުރުން ވަޒީރު ވިދާޅުވީ އާޒިމް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާ ވަޒީރު ކަމުން ދުރުކުރުމަށް ކަމަށެވެ.

އެގޮތުން އިތުރުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގެ ތެރެއިން ނެގުމަށް ބޭނުންވާ ސޮއި ހޯދުމަށް މީގެ ކުރިން އާޒިމް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އާޒިމްގެ ހަމައެކަނި ވިސްނުން ހުރީ ވަޒީރު ކަމުން އެމަނިކުފާނު ބޭރުކޮށްލުން ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

އަލީ އާޒިމަށް ވަރަށް ރަނގަޅަށް އިނގެންވާނެ އަޅުގަނޑަކީ މި މަގާމު ގެއްލިދާނެ ކަމަށް ބުނިހާ ކަމެއް ބުނި ގޮތަކަށް ކުރާނެ މީހެއް ނޫންކަން. ވަޒީރެއް ވީމަ ކާރު ދުއްވާހިތުން އެތާ އިންނަ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑަކީ ސެކިއުރިޓީ ލައިގެން އުޅޭ މީހެއްވެސް ނޫން. ރައްޔިތުންނާއެކު ކޮފީ ބޯލާ، ކުޅެންގޮސް އޫޅޭ މީހެއް އަޅުގަނޑަކީ. އެހެންވީމާ މަގާމު ގެއްލިދާނެތީ ބިރުން އަލީ އާޒިމް ދައްކާ ބިރުގައި ޖެހިގެން ކަމެއް ކޮށްފާނެ ކަމަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް. އަޅުގަނޑަކީ ރައީސް އައްޔަން ކޮށްފައި ހުރި މީހެއް. މިއަދުވެސް ރައީސް އަޅުގަނޑު ކައިރީ ވިދާޅުވެއްޖެއްޔާ، ދާގޮތަށްގޮސް އެފްއޭއެމްގައި ތަޅުވެސް އަޅުވާނަން.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ވަޒީރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ވަޒީރުންނާ ގުޅިގެން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާ މެންބަރުންތަކެއް ކަމަށާއި، ސިޔާސީ ގޮތުން ދެތިން މެންބަރުން މުޅި އެތި ހަލާކު ކުރަން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން އެކަކީ އަލީ އާޒިމް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް