ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 08:29
ޕީއެސްޖީ އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ޕީއެސްޖީ އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފަހު ވަގުތު ޖެހި ދެ ލަނޑާއެކު ޕީއެސްޖީ ސެމީއަށް
އެޓަލާންޓާ އަތުން ޕީއެސްޖީ މޮޅުވީ 2-1 ން
ސެމީގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި އެތުލެޓިކޯ މެޑްރިޑާއި އާރްބީ ލެއިޕްޒީގް ވާދަކޮށް މޮޅުވާ ޓީމަކާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެޓަލާންޓާ ކޮޅަށް ފަހުވަގުތު ޖެހި ދެ ލަނޑާއެކު ޕީއެސްޖީން ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ކުއާޓާއިން ފަށައިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ސެމީގެ ފުރަތަމަ ޖާގަ ޕީއެސްޖީ ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި ފަހުވަގުތު އެޓަލާންޓާ އަތުން 2-1 ން މޮޅުވެގެންނެވެ. މިއީ 1995 ވަނަ އަހަރަށްފަހު ޕީއެސްޖީ މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި ޕީއެސްޖީގެ ތަރި ނޭމާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ހުހަށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި އެޓަލާންޓާއަށްވެސް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު އެޓަލާންޓާއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލާ ނަވާސްއެވެ.

އެކަމަކު މެޗުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ވަނީ ފުލުފުލުގައި އެޓްލާންޓާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ ނޭމާ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ޕީއެސްޖީން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހުވަގުތު ގާތްގާތުގައި ޖެހި ދެ ލަނޑާއެކުއެވެ. މެޗުގެ 90 ވަނަ މިނެޓުގައި މާކީނިއޯސް ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ ޗޫޕޯ-މޯޓިންގެވެ.

އަދި މިހާތަނަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، ސެމީގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި އެތުލެޓިކޯ މެޑްރިޑާއި އާރްބީ ލެއިޕްޒީގް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް