ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކުރުމަށް ދައުލަތުން ހުށަހެޅި ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ބޭއްވިއިރު، އެ އަޑުއެހުމުގައި ވަނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އިއްވާފަ އެވެ.
ގާސިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މާޗް މަހުގެ 27 ވަނަ ދުވަހު ވޯޓް ނެގުމަށް އެޖެންޑާކޮށްފައިވަނިކޮށް، މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން މަސީހު ބޭރުކުރުމަށް ވޯޓް ދެއްވައިފިނަމަ އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ވެސް ބަޔާންކޮށްފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ އިބާރާތެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ބުނެފައިވަނީ ވެސް، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަސީހު ބޭރުކުރުމަށް ވޯޓް ދެއްވާ މެންބަރުންނަށް ޓިކެޓް ދެއްވާނެ ކަމަށާއި ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެ، ނުފޫޒު ފޯރުވަން ގާސިމް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ތިން ދައުވާ އިއްވުމުން ގާސިމް ވަނީ ތިން ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން މައްސަލައަށް ޖަވާބުދާރީވުމަށް ކޯޓުން ވަނީ ގާސިމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ޝަރީއަތް ނިމެންދެން ގާސިމް ބަންދުގައި ބަހައްޓައި ދިނުމަށް އަމުރުކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.
ގާސިމްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ ކޮށްފައިވާއިރު، އެ ކުށް ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.
ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ކޮށްފައިވާއިރު، މި ދެ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.
އެހެންކަމުން ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
އަޑުއެހުމަށް ފަހު ކޯޓުން ނިކުމެވަޑައިގެން ގާސިމް ވަނީ ވަރަށް ބޮޑަށް ފަނޑިޔާރުންނަށް ތައުރީފްކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ މި ފެންނަމުންދަނީ ގައުމު އިސްލާހުކުރުމަށް އެ ބޭފުޅުން ކުރަމުންދާ މަސައްކަތް ކާމިޔާބުވަމުންދާ މަންޒަރު ކަމަށެވެ.
ގާސިމް ވިދާޅުވީ ގާނޫނު ނަގަހަައްޓައިދޭނެކަން ފަނޑިޔާރުންގެ ފަރާތްޕުޅުން ފެންނަމުންދާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ކޮންމެ މީހަކަށް ވެސް މައްސަލައެއް ދިމާވެދާނެ ކަމަށާއި ނަމަވެސް ޑިމޮކްރަސީއަށްޓަކައި ކުރެއްވި މަސައްކަތުގެ އަގު މިގައުމުން ދޭން ފަށައިފި ފާހަގަކުރެވޭތީ ވެސް އުފާ ކުރައްވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ގާނޫނީ ވަކީލު ހިސާން ހުސެއިން އަށް ވަކާލާތު ކުރުމުގެ ފުރުސަތު ނުދޭން ނިންމި އެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ "ވާނުވާ" ޖެހުމާ ގުޅޭ ގޮތުން ހިސާން ދެއްކެވި ވާހަކަފުޅަށް މައާފަށް އެދުމުން ފަހުން ވަނީ ހިސާން އަށް ވަކާލާތުކުރުމުގެ ހުއްދަ ދީފަ އެވެ.
ގާސިމްގެ މަައްޗަށް ހިންގާ ޝަރީއަތުގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.