ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 16:13
ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އަންދްރޭ ޕިރްލޯ
ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އަންދްރޭ ޕިރްލޯ
ގެޓީ އިމޭޖަސް
ޕިރްލޯ އާއެކު ޔުވެންޓަސްގެ ކުރިމަގު
ޕިރްލޯ އާއެކު ޔުވެންޓަސްގެ މެދުތެރެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ
ގޮންޒާލޯ ހިގުއައިން، ބްލައިސް މަޓުއިޑީ އަދި އާރޮން ރަމްސޭ ދޫކޮށްލާނެ
ޕިރްލޯ ބޭނުންވަނީ މެސެޓް އޮޒިލް، އިސްކޯ އަދި މިލިކް ގެނައުމަށް

ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހޮނިހިރު ދުވަހު ހަވާލުވި އަންދްރޭ ޕިރްލޯ އާއެކު ޔުވެންޓަސްގެ މެދުތެރެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުވެންޓަސްގެ ކޯޗުގެ މަގާމަށް ޕިރްލޯ ހަމަޖެއްސީ، އެޓީމުގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަނީ ވަކިކުރުމަށްފަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕިރްލޯ ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވީ ދެ އަހަރު އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސްގެ ސީނިއާ ޓީމާ ޕިރްލޯ ހަވާލުވިއިރު، މިއީ 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ ބޮޑު ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްގެ މެދުތެރެއަށް މިހާރު ކުޅެމުން އަންނަ ގިނަ ކުޅުންތެރިންނަކީ ޕިރްލޯގެ ޕްލޭންގައި ނުހިމެނޭ ކުޅުންތެރިންނެވެ. އަދި ފޯވާޑް ގޮންޒާލޯ ހިގުއައިން ދޫކޮށްލުމަށްވެސް ޕިރްލޯ އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި އާރޮން ރަމްސޭގެ ބަދަލުގައި ޕިރްލޯ ބޭނުންވަނީ އާސެނަލަށް ކުޅެމުން އަންނަ މެސެޓް އޮޒިލް އާއި ރެއާލް މެޑްރިޑްގެ މިޑްފިލްޑަރު އިސްކޯ ގެނައުމަށެވެ. މީގެ އިތުރުން ނާޕޮލީއަށް ކުޅެމުން އަންނަ މިލިކް ހޯދުމަށްވެސް ޕިރްލޯ އެދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސްއިން ކާމިޔާބުކުރި ނަމަވެސް، ސާރީ ވަކިކުރަން ޔުވެންޓަސްއިން ނިންމީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓުމާ ގުޅިގެންނެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކެޓި ޔުވެންޓަސްއަށް މި ފަހަރުގެ ދެވަނަ ބުރުން މުބާރާތް ނިމުނުއިރު، މި ނަތީޖާއާއެކު ޔުވެންޓަސްއިން 1996 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިގެން ގޮސްފައެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ފަހަރު ހޯދާފައިވާ ޔުވެންޓަސްއާ ޕިރްލޯ ހަވާލުވިއިރު، ދާދި ފަހުން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބުތަކުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅުންތަކެއް ލިބުނު ކަމަށް ބުނެފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު ކަމަށްވާ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް