ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 11:55
ޔުނައިޓެޑާއި އާއި ކޯޕެންހޭގަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން
ޔުނައިޓެޑާއި އާއި ކޯޕެންހޭގަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުނައިޓެޑާއި އިންޓަ ސެމީއަށް
ކޯޕެންހޭގަން އަތުން ޔުނައިޓެޑް މޮޅުވީ 1-0 ން
ލެވަކޫސެން އަތުން އިންޓަ މޮޅުވީ 2-1 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލަށް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާއިން ފެށިގެން މެޗުތައް ކުރިއަށް ގެންދިޔުމަށް ޔުއެފާއިން ނިންމާފައި އޮތީ ޖަރުމަންގެ ހަތަރު ސިޓީއެއްގައެވެ. ކޮވިޑް-19 އާ ގުޅިގެން މިފަހަރުގެ ޔޫރޮޕާ ލީގުގެ ފޯމެޓަށް ބަދަލުގެނައިރު، ކުއާޓާއިން ފަށައިގެން ކުޅުމަށް ނިންމާފައިވަނީ އެއް ލެގެވެ.

އެގޮތުން ޖަރުމަންގައި ހޯމަ ދުވަހުގެރޭ ކުޅުނު ކުއާޓާފައިނަލް މެޗުން ޑެންމާކުގެ ޗެމްޕިއަން ކޯޕެންހޭގަން 1-0 ން ބަލިކޮށް ޔުނައިޓެޑް ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

ކޯޕެންހޭގަންއިން ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯޕެންހޭގަންގެ ގޯލްކީޕަރު ކާލް-ޔޯހަން ޖޯންސަންއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. މިއީ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ޔުނައިޓެޑަށް މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލިބުނު 21 ވަނަ ޕެނަލްޓީއެވެ.

އިންޓަ އާއި ލެވަކޫސެން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން

މީގެ އިތުރުން މުބާރާތުގެ ސެމީއަށް އިންޓަ ދަތުރުކުރީ ހޯމަ ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި ބަޔާ ލެވަކޫސެން އަތުން 2-1 ން މޮޅުވެގެންނެވެ.

މި މެޗުގެ ކުރީކޮޅު އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 15 ވަނަ މިނެޓުގައި ނިކޯލޯ ބަރޭލާ ވަނީ އިންޓައަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑާއެކު ލުކާކޫ ވަނީ ޔުރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހާ ރިކޯޑެއް ގާއިމުކޮށްފައެވެ.

މެޗުގައި އިންޓައިން ލީޑު ފުޅާކުރި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ކާއީ ހާވާޓްޒް ވަނީ ލެވަކޫސެންއަށް ފަރަގު ކުޑަކޮށްދީފައެވެ.

ލެވަކޫސެން ބަލިކޮށް އިންޓަ ސެމީއަށް ދަތުރުކުރިއިރު، މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ސެމީގައި އިންޓަ ކުޅޭނެ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް