ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 13:19
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
މަޖިލިސް
އާޒިމްގެ ރައްދު މަޙްލޫފަށް
ވަޒީރަކަސް، ނޫންނަމަ އާންމު ފަރުދަކަސް ޤާނޫނަށް ތަބާވާން ޖެހޭ: އާޒިމް
މަޙްލޫފް ވަނީ އޭނާ ލައްވާ ވަރަށް ހަޑިކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައި
"ޤަނޫން ތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށް ބުނުން، އެއީ އޭނާ ލައްވާ ކުރަން ބުނި ދެވަނަ ހުތުރުކަމަކީތޯ؟"

ރާއްޖޭގެ ވަޒީރަކަސް، ނޫންނަމަ އާންމު ފަރުދަކަސް ޤާނޫންތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުންނެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުކުރުމުން، އެ ދުވަހު ވަޒީރު ވަނީ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިހުރެ އޭނާ ލައްވާ ވަރަށް ހަޑިކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކައް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ދެވަނަ ޓްވީޓްގައި ވަނީ ޖުލައި މަހުގެ ހަވަނަ ދުވަހު މަޙްލޫފަށް ފޮނުއްވާފައިވާ ސިޓީއެއް ހާމަކޮށްފައެވެ. އެ ސިޓީ ހާމަކޮށް އާޒިމް ވިދާޅުވީ ޤާނޫންތަކަށް ތަބާވާން ޖެހޭނީ އާންމު ފަރުދުން އެކަނި ނޫން ކަމަށެވެ. އަދި ވަޒީރަކަސް، ނޫން ނަމަ އާންމު ފަރުދަކަސް ޤަނޫންތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށާއި، އޭނާ ލައްވާ ކުރަން ބުނި ދެވަނަ ހުތުރުކަމަކީ އެއީ ކަމަށްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ ކުރިން މިކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތް ހިންގަން ވާނީ ލިޔެފައިވާ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

އެފްއޭއެމްގެ މައްސަލައިގައި ކުޅިވަރާ ބެހޭ ވަޒީރު ޖަވާބުދާރީ ކުރުވިއިރު، މީގެ ކުރިން ވަޒީރު ވަނީ އިޖުތިމާޢީ ކޮމިޓީން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެދުނު ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބު ފަސްކޮށްދިނުމަށް މަޖިލީހުން އެދުނު ނަމަވެސް، ފީފާގެ ރުހުމާއެކު މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ އިންތިޚާބު ވަނީ ބާއްވާފައެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކުރިއިރު، އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް ބައްސާމް އެކަންޏެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، މީގެ ކުރިން ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް