ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 12:48
ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާއި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް އެކުގައި
ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާއި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް އެކުގައި
ގެޓީ އިމޭޖަސް
ވިލިއަން އާއި ޕެޑްރޯ ޗެލްސީ ދޫކޮށްލުން
ޗެލްސީ ދޫކޮށްލާކަން ވިލިއަން އާއި ޕެޑްރޯ ހާމަކޮށްފި
މި ދެ ކުޅުންތެރިން ޗެލްސީއާއެކު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމާއެކު ހަމަވާނެ
ވިލިއަން ހޯދުމަށް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުން

ޗެލްސީ ދޫކޮށްލަން ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާއި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ނިންމައިފިއެވެ.

ޗެލްސީއާއެކު ވިލިއަން އާއި ޕެޑްރޯ ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމާއެކު ހަމަވާނެއެވެ. އެއާއެކު ދެ ކުޅުންތެރިންވެސް ވަނީ އާދީއްތަ ދުވަހު ޗެލްސީ ދޫކޮށްލަން ނިންމާފައިވާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ޗެލްސީ ދޫކޮށްލަން ނިންމިކަން ވިލިއަން ހާމަކުރިއިރު، ދާދި ފަހުންވެސް ޗެލްސީން ވަނީ ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުންވެސް ގަބޫލުނުކުރަން ވިލިއަން ވަނީ ނިންމާފައެވެ.

އެހެންކަމުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ވިލިއަން ޗެލްސީ ދޫކޮށްލާއިރު، އޭނާ އާސެނަލަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވިލިއަން އާސެނަލަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، ބާސެލޯނާ އަދި ޔުވެންޓަސްއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބްރެޒިލްގެ ކޮރިންތިއަންސްއިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޗެލްސީއަށް ކުޅުނު 339 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ އެ ޓީމު ދޫކޮށްލާއިރު، އޭނާ ވަނީ ޗެލްސީއަށް ކުޅުނު 206 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ސީޒަން ނިމުމުން ވިލިއަން އާއި ޕެޑްރޯ ޗެލްސީ ދޫކޮށްލާއިރު، އަންނަ ސީޒަނަށް އެ ކްލަބުން ވަނީ އައު ދެ ކުޅުންތެރިން ހޯދާފައެވެ. އަންނަ ސީޒަނަށް ޗެލްސީން ސޮއި ހޯދާފައިވާ ދެ ކުޅުންތެރިންނަކީ އާރުބީ ލެއިޕްޒީގަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ އާއި އަޔަކްސްއަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް