އިނގިރޭސިވިލާތުގެ ސްކޫލްތައް ސެޕްޓެމްބަރ ހުޅުވޭނެކަން ޔަގީންކޮށް އެކަން ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕަބްލިކް ރިލޭޝަން (ޕީއާރު) ކެމްޕެއިންނަށް އަންގަވައިފިއެވެ.
ބުރާސްފަތި ދުވަހު ކުރިޔަށް ދިޔަ ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ ދެން ލޮކްޑައުން އަކަށް ދިޔަ ނަމަވެސް ސްކޫލްތަކަކީ އެންމެ ފަހުން ބަންދު ކުރެވޭ ތަންތަނަށް ހެދުމަށް އެދިވަޑައިގެންފައެވެ.
ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ ސްކޫލަށް ކުދިން ނުދިޔުމުގެ ސަބަބުން ދިމާވަމުންދާ ނަފްސާނީ މައްސަލަތަކާއި އެހެނިހެން ގެއްލުންތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފައި. އަދި އެ ގެއްލުންތަކަކީ ކޮރޯނާވައިރަސް އިން ލިބޭ ގެއްލުންތަކަށްވުރެ ވަކި ކުޑަ ގެއްލުންތަކެއް ނޫންކަން ބޮޑުވަޒީރު ފާހަގަކުރެއްވި. ސްކޫލްތައް ޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކު ހުޅުވާލެވެންބޮޑުވަޒީރު ބައްދަލުވުމުގައި ވިދާޅުވި ކަމަށް ރޮއިޓަރސް އިން ބުނި
އަންގާރަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޓެސްޓް ކުރުމާއި ޓްރޭސިންގ ސިސްޓަމްގެ ކަންކަން އިތުރަށް ޚަރުދަނާ ނުކޮށް އެ ގައުމުގެ ސްކޫލްތައް ހުޅުވާލައިފިނަމަ އެންމެ ފުރަތަމަ އެ ގައުމުގައި ކޭސްތައް ފެނުނު މިންވަރަށް ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިނގިރޭސިވިލާތުގައި ސްކޫލްތައް ބަންދު ކޮށްފައިވަނީ އެގައުމު މާރޗް މަހު ލޮކްޑައުން ކުރި ހިސާބުންނެވެ. އެހެންނަމަވެސް މަދުން ކުދިން ސްކޫލަށް ގެންދާ ގޮތަށް ބައެއް ތަންތަން ޖޫން މަހު ހުޅުވާލާފައިވެއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ބޭނުން ވަނީ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު އެ ގައުމުގެ ހުރިހާ ސްކޫލްތަކެއް ހުޅުވާލާ ކިޔެވުން ފެށުމަށެވެ.