ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލުކުރަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ތަންތަން ހުރިތޯ ބެލުމަށް ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގެ ފުރަތަމަ ބުރު ނިންމާލާފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއިންސްޕެކްޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި ހިމެނޭގޮތަށް 1546 ތަނެއް ބަލާފައިވާކަމަށެވެ. އަދި މިތަންތަނުގެ ތެރެއިން 246 ތަނެއް މިންގަނޑުތަކާއި ޚިލާފުވެގެން ބަންދުކުރަން ޖެހުނު ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން ތަންތަން އިންސްޕެކްޓް ކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. ޑރ ނަޒްލާ ވިދާޅުވީ އިންސެޕެކްޝަންގެ ފުރަތަމަ ދެ ދުވަހު ބެލިތަންތަނުގެ 50 އިންސައްތަ ތަން މިންގަނޑުތަކާއި ޚިލާފުވެގެން ބަންދުކުރަން ޖެހުނުކަމަށެވެ.
ފުރަތަމަ ދެ ދުވަހު 50 އިންސައްތަ ތަން ބަންދުކުރަންޖެހުނު. އެހެންނަމަވެސް ކުރިޔަށް ދިޔަވަރަކަށް ބަންދުކުރަން ޖެހޭ ތަންތަން ނިސްބަތަކުން މަދުވަމުން އައީ، އޭގެ މާނައަކީ ގައިޑްލައިނާ އެއްގޮތަށް ކަންކަން ބެހެއްޓުމަށް މަސައްކަތް ކުރާކަން. އަޅުގަނޑުމެން މިވަގުތަށް އިންސްޕެކްޝަން ހުއްޓާލިއަސް ކުރިޔަށް އޮތްތަނުގައި މިކަން ކުރިޔަށްދާނެ. އުންމީދަކީ މިހާރު މިންގަނޑުތައް ހިފަހައްޓަމުން އަންނަ މިންވަރަށް ތަންތަން ހުރުން.އެޗްއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު
އިންސްޕެކްޝަންގެ އެންމެ ފަހު ދުވަހު މާލެ ސަރަހައްދުގެ 136 ތަނެއް ވަނީ ބަލާފައެވެ. އޭގެތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ 37 ތަނާއި 11ސެލޫން އަދި 88 ފިހާރަ ހިމެނޭކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. މީގެތެރެއިން 9 ތަނެއް ބަންދުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަނަކާއި 3 ސެލޫން އަދި 5 ފިހާރަ އެވެ.
މީގެއިތުރުން 16 ތަނެއް އަލުން ހުޅުވުމަށް ހުއްދަދީފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މާލެ ސިޓީ ލޮކްޑައުންގައި އޮތުމަށްފަހު އާންމު ޚިދުމަތްދޭ ތަންތަން އަލުން ހުޅުވާލުމަށް ހުއްދަ ދިންއިރު ވަނީ ކޮންމެ ތާކަށް ވަކިވަކިން އަމަލުކުރަންވީ އުސޫލުތަކެއް އެކުލަވާލާ ގެޒެޓްކޮށްފަ އެވެ. އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމެވެ. އަދި ތަނުގެ ތެރޭގައި ސެނިޓައިޒް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުރުމަށްވެސް ގައިޑްލައިންގައި ވަނީ އަންގާފަ އެވެ.