ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 16:06
ބާސެލޯނާގެ ކޯޗު ކިކޭ ސެޓިއެން: މި ސީޒަން ނިމުމުން ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ބާސެލޯނާގެ ކޯޗު ކިކޭ ސެޓިއެން: މި ސީޒަން ނިމުމުން ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ގެޓީ އިމޭޖަސް
ބާސާ އާއި ނާޕޮލީ ބައްދަލުކުރާ މެޗު
ނާޕޮލީ މެޗަކީ ފަހު މެޗަށް ވެދާނެ ކަމާ މެދު ނުވިސްނަން: ސެޓިއެން
ނާޕޮލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން
"މިވަގުތު ވިސްނުން ހުރީ ނާޕޮލީއާ ދެކޮޅަށް ކުޅޭ މެޗަށް"

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ނާޕޮލީއާ ދެކޮޅަށް ކުޅޭ މެޗަކީ ބާސެލޯނާއަށް ކޯޗުކޮށްދޭނެ ފަހު މެޗު ކަމަށް ނުވިސްނާ ކަމަށް ބާސާގެ ކޯޗު ކިކޭ ސެޓިއެން ބުނެފިއެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާ ދެއްކި ދަށް ކުޅުމާއި ގުޅިގެން ސެޓިއެންގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާއިރު، ސެޓިއެން ބުނީ ހޮނިހިރު ދުވަހުގެރޭ ނާޕޮލީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ އޭނާގެ އެންމެ ފަހު މެޗު ކަމަށް ނުވިސްނާ ކަމަށާއި، ބާސާ އާއެކު އެއްބަސްވުމެއް ހަދާފައިވާނެ ކަމަށެވެ. އެހެންކަމުން އެކަމާ މެދު ވިސްނަން ނުޖެހޭނެ ކަމަށާއި މިވަގުތު ވިސްނުން ހުރީ ނާޕޮލީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށްވެސް ސެޓިއެން ބުންޏެވެ.

މެޗާ މެދު ވާހަކަދައްކަމުން ސެޓިއެން ބުނީ މެޗަށް ބާސާއިން ނުކުންނައިރު އަނިޔާގެ މައްސަލަ ޓީމަށް ދިމާވެފައިވާ ކަމަށާއި، މިވަގުތު އުނދަގޫ ހާލަތެއްގައި ޓީމު އޮތް ނަމަވެސް އުންމީދު ބޮޑު ކަމަށެވެ.

ނާޕޮލީއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އާއި، އާޓޫރޯ ވިޑާލް ފެނުމުގެ ފުރުސަތު ކުޑައެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން ހުރީ ފިޓްކޮށެވެ.

ހޮނިހިރު ދުވަހުގެރޭގެ މެޗުގެ ކުރިން ނާޕޮލީގެ ކޯޗު ޖެނާރީ ގަޓޫސް ބުނީ މި މެޗަށް އޭނާގެ ޓީމުން ނުކުންނާނީ ކުލަބުގެ ތާރީޚުގައި އައު ސޮފުހާއެއް ލިޔުމުގެ އަޒުމުގައި ކަމަށާއި، މެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިން އެކަތިގަނޑަކަށްވެ މަސައްކަތް ކުރާނެ ކަމަށެވެ.

ނާޕޮލީގެ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. ބާސާގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް