އިގްތިޞާދު މިހާލަތުން އަރައިގަނެވެންދެން %1ގެ ރެވެނިޔު ޗާޖެއް އިމްޕޯޓު މުދަލުގެ ޑިކްލެއަރ ކުރާ އަގުން ދައުލަތަށް ނެގުމަކީ އެކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ތާޢީދުކުރާ ކަމެއްކަމަށް އެޔޫނިއަނުން ބުނެފިއެވެ.
އެކަމާއި ގުޅިގެން ޓްރޭޑް ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ އިގްތިޞާދީ މި ނާޒުކު ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހީނަރުވެ އާމްދަނީ ލިބެމުން އައި ހުރިހާ ވަސީލަތްތަކެއް މުޅިންހެން ހުއްޓިފައިވާ މިވަގުތުގައި ދައުލަތުގެ ހިންގުން ދެމިއޮތުމަށްޓަކައި ދައުލަތަށް އާމްދަނީ ލިބެންޖެހޭކަމަށެވެ. އަދި މި ނާޒުކު ވަގުތުގައިވެސް ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަކޮށް އަދި ބައެއް އައިޓަމްތަކުން ޑިއުޓީ މަޢާފްކުރި ކުރުން ޔޫނިއަނުން ބަލައިގަންނަކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޝިޕިންގ އޭޖެންސީތަކާއި ލޯކަލް ފޯވަރޑުން ދިވެހި އިމްޕޯޓަރުން އަތުން އެކި ނަންނަމުގައި ނަގަމުންދާ ނާޖާއިޒް ފައިސާ ނެގުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާކަމަށާއި އަދި އެފިޔަވަޅުތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް އެޔޫނިއަނުން ވަނީ ގޮވާލާފައެވެ. އަދި އިގްތިޞާދީ މިހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހިންގުމުގެ ޚަރަދު ވީހާވެސް ކުޑަކޮށް ކޮރަޕްޝަނަށް ފަހިވާގޮތަށް ހުރި ކަންކަމަށް އަވަސް ހައްލެއް ލިބެންޖެހޭ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ތަފާތު އިންޑަސްޓްރީސްތަކަށް މަގުފަހިވެފައިވާ އިގްތިޞާދީ މެކޭނިޒަމެއް އަވަސް ގޮތަކަށް ވުޖޫދުވާންޖެހޭ ކަމަށް ޔޫނިއަނުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް މަގުފަހިވާ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ޔޫނިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.