ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 12:18
އަލިފާން ނިއްވުމުގެ މަސައްކަތުގެ ތެރެއިން
އަލިފާން ނިއްވުމުގެ މަސައްކަތުގެ ތެރެއިން
ސައުދީ ގެޒެޓް
އަލިފާނުގެ ހާދިސާ
ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި
އަލިފާން ރޯވެފައިވަނީ ރެއިލްވޭ ސްޓޭޝަންގެ މަސައްކަތު ބޭނުމަށް ހަދާފައިވާ ވަގުތީ އޮފީހުގައި

ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މީޑިއާގެ ރިޕޯޓުތަކުން ބުނެއެވެ.

ސިވިލް ޑިފެންސްގެ ސްޕޯކްސްޕަރސަން ކާނަލް މުހައްމަދު އަލް ގަރްނީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 7:27 ގައި ކަމަށާއި، އަލިފާން ރޯވެފައިވަނީ ރެއިލްވޭ ސްޓޭޝަންގެ މަސައްކަތު ބޭނުމަށް ހަދާފައިވާ ވަގުތީ އޮފީހުގައެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އަލިފާންގަނޑު ނިއްވާލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާން ރޯވާން މެދުވެރި ސަބަބު ހޯދުމަށް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ރެއިލްވޭގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާގައި ފަސް މީހަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ދަތުރުތަކުގެ އޮޕަރޭޝަންތައް ވެސް އޭރުގައި ހުއްޓާލިއެވެ.

ސައުދީ އަރަބިއްޔާގެ ދެ ހަރަމާއި ދޭތެރޭގައި ދަތުރުތައް ކުރުމަށް ގާއިމު ކުރި ހަރަމައިން އެކްސްޕްރެސް ރޭލްގެ ފުރަތަމަ ދަތުރު ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި ސްޓޭޝަން ތައްޔާރު ކޮށްފައިވަނީ މައްކާ މަދިނާ ޖިއްދާގެ މައި އެއަރޕޯޓާއި ގުޅުވާލާ ގޮތަށެވެ.

- ކޮމެންޓް