ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވާ 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގުދަނުގައި ނުރައްކާތެރި ގޮވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައިވާނެ ކަމަށް ގުދަން އިންސްޕެކްޓް ކުރި އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އަންގާރަ ދުވަހު ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނުގައި ރޯވެ ބާރުގަދަ ގޮވުމެއް ގޮވިއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 137 މިހާރުވަނީ އަރައިފައެވެ.
ގުދަން އިންސްޕެކްޓްކުރި އޮފިޝަލުންނާއި ހަވާލާދީ ދަ ގާޑިއަން އިން ނޫހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ގުދަނުގައި ބާރުގަދަ ގޮވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ގުދަނުގެ ވެރިފާރާތާ ހިއްސާކޮށްފައިވާނެ ކަމަށާއި، އެތަނުގައި ހުރީ އެމޯރިއަމް ނައިޓްރޭޓް ކަމަށާއި، އެ ރައްކާކޮށްފައި ހުރީ ސަލާމަތީ ރައްކާތެރިކަމުގެ އެއްވެސްކަހަލަ ފިޔަވަޅެއްނާޅާ ކަމަށެވެ.
ލުބުނާންގެ ރައީސް މައިކަލް އައުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ރައީސް މައިކަލް ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސްކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ބޭރޫތުގައި ގޮވި ގޮވުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާންކޮށްފައިވާއިރު، ގޮވުން ގޮވި ޕޯޓު ސަރަހައްދު ސާފުކުރުމަށް އެގައުމުގެ ސަލާމަތީ ބާރު ތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން ބޭރޫތުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން ވެސް މީހުން ހޯދުމަށް ދަތިތައް ދިމާވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިން ނުފެނިގެން އެމަރޖެންސީ ޑިޕާޓްމަންޓަށް އަންގަމުންދާ ކަމަށް ލުބުނާންގެ ދިފާއީ ބާރުން ވަނީ ހާމަކޮށްފައެވެ. އަދި ތަން ސާފުކުރަމުންދާ ވަރަކަށް މަރުވި މީހުންގެ އަދަދު މައްޗަށްދާނެ ކަމަށް ދިފާއީ ބާރުން ވަނީ ހާމަކޮށްފައެވެ.