ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 15:56
އިންޓަގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
އިންޓަގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
ގެޓީ އިމޭޖަސް
ސަންޗޭޒް އިންޓައަށް ބަދަލުވުން
ސަންޗޭޒްގެ އެއްބަސްވުން އިންޓައިން ދާއިމީކޮށްފި
ސަންޗޭޒް އިންޓައަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ސަންޗޭޒް ވަނީ އިންޓައާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައި

މެންޗެސްޓާ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އައި ފޯވާޑް އެލެކްސިސް ސަންޗޭޒްގެ އެއްބަސްވުން އިންޓަ މިލާނުން ދާއިމީކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސަންޗޭޒް އިންޓައަށް ބަދަލުވީ ޖޫން މަހުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ސީޒަން ދިގުލައިގެން ދާނެތީ މީގެ ކުރިން ސަންޗޭޒް ވަނީ މި ސީޒަން ނިމެންދެން އިންޓަގައި މަޑުކުރަން ނިންމާ ލޯނު އެއްބަސްވުން އާކޮށްފައެވެ.

އެހެންކަމުން ޔުނައިޓެޑާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ސަންޗޭޒްގެ އެއްބަސްވުން އިންޓައިން ދާއިމީކުރިއިރު، އޭނާ އިންޓައަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި ވަނީ އިންޓައާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ޔުނައިޓެޑުގައި ސަންޗޭޒްއަށް އަހަރަކު 14 މިލިއަން ޕައުންޑްގެ މުސާރައެއް ލިބުނުއިރު، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓައަށް ކުޅުނުއިރުވެސް، މުސާރައިގެ ބޮޑުބައި ދައްކަމުން އައީ ޔުނައިޓެޑުންނެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ސަންޗޭޒް އިންޓައަށް ބަދަލުވުމާއެކު، ކުރިއަށް އޮތް ދެ އަހަރު ސަންޗޭޒްއަށް ޔުނައިޓެޑުން ދައްކަން ޖެހޭ އަދަދު މަދުވާނެއެވެ.

މީގެ ކުރިން ބާސެލޯނާ އާއި އާސެނަލްގައިވެސް މޮޅު ކުޅުމެއް ދެއްކި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ބޮޑު މުސާރައަށް އޭނާ ޔުނައިޓެޑާ ގުޅުނު ނަމަވެސް، އެޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ޔުނައިޓެޑަށް ކުޅެދިން 45 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ފަސް ލަނޑެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އުމުރުން 31 އަހަރުގެ ފޯވާޑް މި ސީޒަނުގައި އިންޓައަށް ކުޅުނުއިރު، އޭނާ ވަނީ އެޓީމަށް ކުޅެދުން 31 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް