ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 15:14
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ
ގެޓީ އިމޭޖަސް
ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗު
ލިޔޯނާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ހުރީ ތައްޔާރަށް: ޝެޒްނީ
ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައި
ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޔުވެންޓަސް ވަނީ 1-0 ން ބަލިވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ތައްޔާރަށް ކަމަށް އެޓީމުގެ ގޯލްލްކީޕަރު ވޮސިއެޗް ޝެޒްނީ ބުނެފިއެވެ.

ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޔުވެންޓަސް ވަނީ 1-0 ން ބަލިވެފައެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްއަށް ވަރަށް މުހިންމެވެ.

މީޑިއާއާ ވާހަކަދައްކަމުން ޝެޒްނީ ބުނީ ރޮނާލްޑޯ އާއެކު ޔުވެންޓަސްއިން ބޮޑެތި މެޗުތައް ކާމިޔާބުކޮށްފައިވާ ކަމަށާއި، އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑް އަތުން ޔުވެންޓަސް ފުރަތަމަ ލެގުގައި ބަލިވި ނަމަވެސް، އަމިއްލަ ދަނޑުގައި އެތުލެޓިކޯ ކޮޅަށް ހެދި ހެޓްރިކާއެކު ރޮނާލްޑޯ ޔުވެންޓަސް ސަލާމަތްކޮށްދިން ކަމަށެވެ.

އެހެންކަމުން އެކަން މިފަހަރުވެސް ތަކުރާރު ކުރެވޭނެ ކަމަށް ބުނެ ރޮނާލްޑޯ ކުޅުންތެރިންނަށް ހިތްވަރު ދީފައިވާ ކަމަށާއި، އިޓާލިއަން ލީގު ކަށަވަރުވުމާއެކު ޗެމްޕިއަންސް ލީގަށް ތައްޔާރުވުމަށް ކުރުމަށް ކުޅުންތެރިން ކައިރީ ރޮނާލްޑޯ އެދުނު ކަމަށްވެސް ޝެޒްނީ ބުންޏެވެ.

މެޗުގެ ކުރިން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މި މެޗަށް ޔުވެންޓަސް ހުރިހާ ގޮތަކުންވެސް ތައްޔާރުވެފައިވާ ކަމަށާއި، އުންމީދަކީ މެޗުން މޮޅުވެ ކުއާޓާފައިނަލަށް ދަތުރުކުރުން ކަމަށެވެ. އަދި ބުނީ އިޓާލިއަން ލީގުގައި އެންމެ ފަހުން ޔުވެންޓަސް ޖެހިޖެހިގެން ދެ މެޗުން ބަލިވި ނަމަވެސް، އެކަން ކުޅުންތެރިން މިހާރު ހަނދާން ނައްތާލާފައިވާ ކަމަށާއި، ކުޅުންތެރިންގެ ފޯކަސް މިވަގުތު ހުރީ ލިޔޯނާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ ދަނޑުގައި ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ. ކުއާޓާއާ ހިސާބުން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޒުގަލްގެ ލިޒްބަންގައި ކުޅުމަށް ޔުއެފާއިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް