އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 9001:2015 ސެޓްފިކެޓް އެމްޓީސީސީން ހާސިލްކޮށްފިއެވެ.
މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސާރޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސާރޓިފައިކުރެވުނު ކުންފުނިތަކުގެ ތެރޭގައި މިހާރު އެމްޓީސީސީ ހިމެނޭނެ ކަމަށެވެ.
ސާރޓިފައިކުރެވުނު އެޕަރޭޝަންތަކުގެ ތެރޭގައި، ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް، ޓްރާންސްޕޯޓް ޚިދުމަތް، ލޮޖިސްޓިކް ޚިދުމަތް، އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީން، ސްޕެއަރ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓްކުރުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ޚިދުމަތުގެ އިތުރުން އިންޖިނިއަރިންގ އަދި ޑޮކިންގގެ ޚިދުމަތް ހިމެނެއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއަށް އެ ސެރޓިފިކޭޓް ހާސިލްކުރެވުމަކީ ކުންފުންޏަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު އިތުރުކުރުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ދެންއޮތް މަރުހަލާއަކީ ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ސާރޓިފިކޭޝަން ދެމެހެއްޓުންކަމަށެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)ގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮމިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސާޓިފައިކޮށްދީފައިވަނީ މަޝްހޫރު އެސްޖީއެސް (ޔުނައިޓެޑް ކިންގޑަމް) އިންނެވެ.