އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 8 މީހަކު މަރުވެއްޖެއެވެ.
އަހްމަދުއާބާދު ސިޓީއެއްގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެފައިވަނީ އައިސީޔޫގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެންނެވެ. ބީބީސީއަށް މައުލޫމާތު ދެމެން ސީނިއަރ ފަޔަރ ޑިޕާޓްމަންޓްގެ އޮފިޝަލް ރާޖޭޝް ބަޓް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްވެގެން އެ ހޮސްޕިޓަލުގެ މުވައްޒަފެއްގެ ޕީޕީއީ ކިޓުގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށެވެ.
ޕީޕީއީ ކިޓްގައި ރޯވުމުން އެ މުވައްޒަފު ހާސް، ބިރުގަނެގެން އައިސީޔޫ ޔުނިޓް ތެރޭގައި ދުވަން ފެށީ، އެކަމުގެ ސަބަބުން އަލިފާން ފެތުރެން ފެށީ.ރާޖޭޝް ބަޓް ބުނި
އިންޑިއާގެ ގަޑިން 03:00 ޖެހިއިރު މި ހާދިސާ ހިނގާފައިވާއިރު އަލިފާންގަނޑު ނިއްވާލެވުނީ އެއްގަޑިއިރު ފަހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 40 ބަލިމީހުން އެހެން ފެސިލިޓީތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އިންޑިއާ ފުލުހުން ވަނީ ހޮސްޕިޓަލުގެ ޑިރެކްޓަރެއް ހައްޔަރުކޮށް، މި މައްސަލަ ތަހުޤީޤު ކުރަން ފަށާފައެވެ.
ބީބީސީއަށް މައުލޫމާތު ދެމުން އޮފިޝަލް ރާޖޭޝް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވި ފަޔަރ ޓީމް ކަރަންޓީނަށް ދާން ޖެހޭނެ ކަމަށެވެ. އެއީ އެމީހުން ވައިރަސްއަށް ޕޮޒިޓިވްވި ގިނަ ބަލިމީހުންނާ ކޮންޓެކްޓްވުމުން ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މިހާދިސާއާ ގުޅިގެން ޓުވީޓް ކުރައްވާފައެވެ. އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވީ އެކަމާއި ހިތާމާ ކުރައްވާ ކަމަށާއި ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިނގުމުން ފަޔަރ ޑިޕާޓްމަންޓަށް ލަހުން ގުޅާފައިވާ ކަމަށް ބުނެ މަރުވި ބައެއް މީހުންގެ އާއިލާ މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގުމުން ވެސް އާއިލާއަށް އަންގާފައިނުވާ ކަމަށް އެ އައިލާތަކުން ބުނެއެވެ.