ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 12:27
ޔުނައިޓެޑާއި ލާސްކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ން
ޔުނައިޓެޑާއި ލާސްކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުނައިޓެޑާއި އިންޓަ ކުއާޓާއަށް
ލާސްކް އަތުން ޔުނައިޓެޑް މޮޅުވީ 2-1 ން
ގެޓާފޭ އަތުން އިންޓަ މޮޅުވީ 2-0 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލަށް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން ދަތުރުކޮށްފިއެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ޔޫރޮޕާ ލީގުގެ ކުޅުން ބުދަ ދުވަހުގެރޭ އަލުން ފެށިއިރު، ކުއާޓާގެ ޖާގައެއް ޔުނައިޓެޑް ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލާސްކް އަތުން 2-1 ން މޮޅުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑުން ވަނީ 5-0 ން ކާމިޔާބުކޮށްފައެވެ. އެހެންކަމުން ޔުނައިޓެޑް ކުރި ލިބުނީ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ލާސްކް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފިލިޕް ވެއިސިންގާއެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ޖެސޭ ލިންގާޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލްއެވެ.

އިންޓަ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަް މޮޅުވީ 2-0 ން

މީގެ އިތުރުން އިންޓަ ކުއާޓާއަށް ދަތުރުކުރީ ބުދަ ދުވަހުގެރޭ ގެޓާފޭ އަތުން 2-0 ން މޮޅުވެގެންނެވެ. މި މެޗުގެ އެއް ލެގު ކުޅުނުއިރު، މެޗު ކުރިއަށް ގެންގޮސްފައިވަނީ ކުއާޓާއިން ފަށައިގެން މެޗުތައް ކުޅެން ނިންމާފައިވާ ޖަރުމަނުގައެވެ.

ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓައިން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ގެޓާފޭއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމުގެ ޖޯޖް މޮލީނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މެޗުގައި އިންޓައިން ލީޑު ފުޅާކުރީ 83 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ކާމިޔާބުކުރި ލަނޑުންނެވެ.

ކުއާޓާއަށް ޔުނައިޓެޑާއި އިންޓަ ދަތުރުކުރިއިރު، ކުއާޓާގައި ޔުނައިޓެޑް ކުޅެން ޖެހޭނީ ކޮޕެންހާގެންއާއެވެ. އަދި އިންޓަ ނުކުންނާނީ ބަޔާ ލެވަކޫސަން އާއި ރޭންޖޭސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށްފަހު ޔޫރޮޕާ ލީގުގެ ކުޅުން ފެށިއިރު، ކުއާޓާއިން ފެށިގެން މެޗުތައް ކުޅުމަށް ނިންމާފައިވަނީ ޖަރުމަންގެ ހަތަރު ސިޓީއެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް