ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުން ދަނިކޮށް މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރް ޔަހްޔާގެ ދިފާއުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕް އިން ބަޔާނެއް ނެެރެފިއެވެ.
ބިލާދް އަލް ޝާމް މީޑިއާއިން އާއްމުކޮށްފައިވާ ބަޔާނުގައި އެ މީޑިއާއިން ވަނީ ޔާސިރުގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައެވެ. އެ މީހުން ބުނީ، ޔާސިރަށް ދިމާވީ އެތައް ގޮތުން ދެރަ ކަންތައްތަކެއް ކަމަށެވެ. ތިން އަހަރުވަންދެން އެއްވެސް ދައުވާ އެއްނުކޮށް ޝަރިޔަތް ކުރިޔަށް ނުގެންގޮސް ޔާސިރު ބަންދުކޮށްފައި ބެހެއްޓުމަކީ އިސްލާމް ދީން ދަސްކޮށްދީފައިވާ ކަންތައްތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ބިލާދް އަލްޝާމް މީޑިއާއިން ބުންޏެވެ.
މި ވަގުތަކީ އާންމުންގެ ރުހުން ހޯދަން ސިޔާސީ ފަރާތްތަކުން ކުޅޭ ގޭމް ހުއްޓުވާ، އެކަން ކަމަށް ވިސްނަން ޖެހޭ ވަގުތު ކަމަށް ބިލާދް އަލް ޝާމުގެ ބަޔާނުގައިވެއެވެ. އަދުލުގެ ނިޒާމު ރިފޯމް ކުރާށާއި، އިންސާފު ގާއިމްކުރަން ބުނާ ބުނުމަށް އިތުބާރު ނުކުރުމަށް އެ މީހުން ގޮވާލިއެވެ. ބިލާދް އަލް ޝާމުން ބުނީ، އެކި ފަންތީގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅެ ފައިސާވެރިންނަށް އަވަހަށް އިންސާފު ލިބޭ ސިޔާސަތުތައް ގެންގުޅޭ ދައުލަތްތައް އަވަހަށް ރިފޯމްކުރަން ޖެހޭނެ ކަމަށެވެ.
އެއްވެސް ކުށެއް ނެތް މީހުންނާ މެދު އިންސާފުން ބޭރުން، ކަންތައްކުރާ ސަރުކާރުތައް ނިމުމަކަށް ގެންނަން ޖެހޭ.
ގުުރުއާނުގެ އާޔަތްތައް ގެނެސް އެ ބަޔާން ނިންމާލަމުން އެ މީހުން ވަނީ، ސިޔާސީ މީހުންގެ އަމިއްލަ އެޖެންޑާ ނެރެންވެގެން މީޑިއާތަކުން ދައުރުކުރުވާ ރިޕޯޓްތަކަށް ގޮތް ނުކިޔުމަށް އަންގާފައެވެ.
އުމުރުން 45 އަހަރުގެ ޔާސިރު ނިޔާވެފައިވާނީ އާދިއްތަ ދުވަހުގެ ހަވީރު 16:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ޔާސިރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި އުޅެނިކޮށް، ހާލު ދެރަވެގެންނެވެ. ޔާސިރަށް މީގެ ކުރިން ވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައެވެ. ޔާސިރު ނިޔާވިއިރު ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
ޔާސިރު ވަނީ މީގެ ކުރިން އޭނާގެ މެރިޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.
އެގޮތުން ޔާސިރު މިގޮތަށް އެދިފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައިވާ ގޮޅީގެ މާހައުލުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބި، ސިއްހަތަށް ގެއްލުންވަމުން ދާތީއާއި މައްސަލައަށް ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަޔާންކޮށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އިމިގްރެޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ޔަހްޔާ ސާލިހު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޔާސިރު ޔަހުޔާއަކީ ދުނިޔޭގެ "އޯޕަން މީޑިއާ" ގައި ޓެރަރިސްޓެއްގެ ގޮތުގައި ވާހަކަ ދެކެވޭ ފަރާތެއް ކަމަށާއި، އޭނާއާ ޓެރަރިޒަމާއި ގުޅުން ހުރި ބެކްގްރައުންޑު އޮތްކަން ދުނިޔޭގެ މީޑިއާއިން ވެސް ސާފުކޮށް ފެންނަން އޮތް ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.