ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 20:10
ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް: ދިވެހި ކޯޗުންނަށް އިތުބާރު ކުރުމަށް ވަނީ އެދިފައި
ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް: ދިވެހި ކޯޗުންނަށް އިތުބާރު ކުރުމަށް ވަނީ އެދިފައި
މިހާރު
ދިވެހި ކޯޗުންނަށް އިތުބާރު ކުރަން އެދުން
ދިވެހި ކޯޗުންނަށް ކްލަބުތަކުގެ ވެރިން އިތުބާރު ކުރަން ޖެހޭ: ނިޒާމްބެ
"ވޭތުވެދިޔަ ހަތް އަހަރުވެސް އެންމެ ރަނގަޅު ސްކޮޑް ގޮވައިގެން ނުކުމެފައިވަނީ ބިދޭސީ ކޯޗުން"
"ސައުތު އޭޝިއަން ރީޖަންގައި މަސައްކަތް ކުރާ ކޯޗުންނާ މެދު ހަމުގެ ކުލައިގެ ތަފާތު ގެންގުޅޭ"
"މި އަހަރުގެ ލީގު ވެގެންދާނީ ހަމައެކަނި ދިވެހި ކޯޗުންނާއެކު ނިކުންނަ ސީޒަނަކަށް"

ރާއްޖޭގައި މިހާރު ފެންވަރު ރަނގަޅު ކޯޗުން އެބަތިބި ކަމަށާއި، ކްލަބުތަކުގެ ވެރިން ދިވެހި ކޯޗުންނަށް އިތުބާރު ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ މިހާތަނަށް ފެނިފައިވާ މަންޒަރަށް ބަލާއިރު ރަނގަޅު ޓީމެއް އޮތް ނަމަ އެ ޓީމަށް ގެނެސްފައި ވަނީ ބިދޭސީ ކޯޗުން ކަމަށެވެ. އަދި ދިވެހި ކޯޗެއް ނަމަ އެންމެ ބޮޑަށް ކްލަބުތަކުން ބަލަނީ މުސާރައަށް ކަމަށާއި، އެކަމަކު ބިދޭސީ ކޯޗަކަށް އެތައް ގުނައެއް ބޮޑު މުސާރައެއް ދޭއިރު، ދިވެހި ކޯޗަށް ދޭތަން ފެންނަނީ ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ މުސާރައެއް ކަމަށްވެސް ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބުތައް ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.

ދިވެހި ކޯޗުންވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ނިޒާމްބެ ބުންޏެވެ. އަދި ބުނީ ކްލަބުތަކުން ދަންނަން ޖެހޭ ކަމަކީ ކޯޗުންގެ ޒިންމާ އަކީ ދެ ގަޑިއިރުގެ ވަޒީފާއެއް ނޫން ކަމަށާއި، ކޯޗެއްގެ ޒިންމާ އަކީ މުޅި ދުވަހު ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ލީގަށް ބަލާއިރު، ވޭތުވެދިޔަ ހަތް އަހަރުވެސް އެންމެ ރަނގަޅު ސްކޮޑް ގޮވައިގެން ނިކުމެފައިވަނީ ބިދޭސީ ކޯޗުން ކަމަށާއި، ލޯކަލް ކޯޗުން ވަރުގަދަ ޓީމުތަކާ ވާދަކޮށްފައިވަނީ ވަރަށް އާދައިގެ ސްކޮޑަކާއެކު ކަމަށްވީ ނަމަވެސް، ވަރަށް ރަނގަޅު ނަތީޖާތަކެއް ލޯކަލް ކޯޗުން ނެރިފައިވާ ކަމަށް ނިޒާމްބެ ބުންޏެވެ.

ރާއްޖެއަށް އަތުވެދާނެ ޔޫއެފާ ޕްރޯލައިސަންސް ލިބިފައިވާ އެތައް ބައިވައިރު މާސްޓާސް އަދި ޑިގްރީ ނަގާފައިވާ ކޯޗުން ވަރަށް ކުޑަ މުސާރައަކަށް. އެހެން ދިމާވަނީ އެ މީހުންގެ ތެރޭގައި އެ ފެންވަރުގެ އެތައް ކޯޗުންނެއް އެބަތިބޭ ވަޒީފާއެއް ނެތިފައި. އެހެންވީމާ އެމީހުން މިތަނަށް މި އަންނަނީ އެމީހުންގެ ސީވީގައި ސްޓޭމްޕް ޖަހާލަން. ސައުތު އޭޝިއަން ރީޖަންގައި މަސައްކަތް ކުރާ ކޯޗުންނާ މެދު ހަމުގެ ކުލައިގެ ތަފާތު މި ގެންގުޅެނީ.
މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޒަމާންތަކަށް ފަހު މި އަހަރުގެ ލީގު ހަމައެކަނި ދިވެހި ކޯޗުންނާއެކު ނުކުންނަ ސީޒަނަކަށް ވުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި، ހުރިހާ ކޯޗުންވެސް އެއް އަޒުމެއްގައި މަސައްކަތްކޮށް ރަނގަޅު ފެންވަރުގެ ފުޓްބޯޅައެއް ޓީމުތައް ލައްވާ ކުޅުވައިފިއްޔާމު، ދިވެހި ކޯޗުންނަށް ބަންދުވެފައިވާ ދޮރު ހުޅުވާލުމަށް ފުރުސަތު މި ފަހަރު ލިބިގެންދާނެ ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޯޗުކަން ކޮށްދިނުމަށް އެ ކްލަބާ ހަވާލުވި ދިވެހި ތިންވަނަ ކޯޗެއްގެ ގޮތުގައި ނިޒާމްބެ އެންމެ ފުރަތަމަ މާޒިޔާ ގޮވައިގެން ނުކުންނާނީ އަންނަ އޮކްޓޫބަރު މަހު އަލުން ފަށާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕް ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ އެޓީމަށް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމަށް ފަހު 2018 ވަނަ އަހަރު އެވެ. 2019 ވަނަ އަހަރު އޮކްޓޫބަރު މަހު 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ، އެ ޓީމާއި އެކު 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ބިނާކުރުމުގެ މަސައްކަތް އެފްއޭއެމުން ހަވާލުކުރުމުން، ނިޒާމްބެ ވަނީ އެ ޓިމާއެކު މުބާރާތްތަކުގައިވެސް ވާދަކޮށްފައެވެ. އެކަމަކު ޒުވާން ގައުމީ ޓީމު ނިޒާމްބެ ދޫކޮށްލީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގ ކްލަބަށް ކޯޗުކޮށްދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށެވެ.

ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ ފުރަތަމަ ޑިވިޝަނުގައި ކުރިންވެސް ކޯޗެއްގެ ގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ވިޔަންސާ އާއި ލ. ކަލައިދޫގައި ހޭދަކުރި ދުވަސްތައް ހިމެނެއެވެ. ވިލިމާލެއަށް ނިސްބަތްވާ ވިޔަންސާ ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ގެނެސްދިނުމަށްފަހު، އެޓީމުން މޮޅު ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ނެރެދީފައިވެއެވެ. އެއަށްފަހު ދެވަނަ ޑިވިޝަނުން 2014 ވަނަ އަހަރު ޓީސީ ޕްރޮމޯޓްކޮށްދީ، އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ބޭއްވާ ރަނގަޅު ނަތީޖާތަކެއް މުބާރާތްތަކުގައި ނެރުމުގެ އިތުރުން، ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީސީން ވެސް ނިޒާމްބެ ވަނީ ނެރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް