ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހި، އެންމެ ބޮޑު ހާސްކަމެއް އުޅެން ޖެހުނު އެއް ބަޔަކީ ބޮޑެތި ބަލިތައް ތަހައްމަލުކޮށް، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭރުން ހޯދަމުން ދިޔަ ފަރާތްތަކާއި، ބޮޑު ބައްޔެއް ޖެހުމުން އިތުރު ފަރުވާއަށް ބޭރަށް ދާން ޖެހުނު ފަރާތްތަކެވެ.
ފަރުވާ ހޯދަން ގިނަ ބަޔަކު ދިޔަ އިންޑިއާގެ ބޯޑަރުތައް ބަންދުކުރުމާ އަދި އެއަރލައިންތަކުން ދަތުރުތައް ހުއްޓާލުމާ ގުޅިގެން ބަލި މީހުންނަށް އިތުރު ވޭނަކަށް އެކަންވިއެވެ. މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ފެށުމުން އެކަން ކޮންޓްރޯލްކުރުމަށް ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރީ އެގައުމުތަކަށްވެސް އެނޫން ގޮތެއް ނެތިގެންނެވެ. ރާއްޖޭގައިވެސް އެކަން ކުރީ އެބީދައިންނެވެ.
ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އިންޑިއާއަށާއި ލަންކާއަށް ދިވެހިންނަށް ދެވޭނެ ގޮތެއް ހެދުމަށް އެހިސާބުން ގިނަ މަސައްކަތްތަކެއް ފެށުނެވެ. އަދި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރެއްވުމަށްފަހު ޚާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދެވޭނެކަން އިއުލާންކުރިއެވެ. މިއާއެކު އާސަންދައިގެ ދަށުން އިތުރު ފަރުވާއަށް އިންޑިއާއަށް މީހުން ފޮނުވުމުގެ މަސައްކަތް ފެށިއެވެ.
އަދި އާސަންދައިގެ ދަށުން ނޫނަސް، އަމިއްލަ ޚަރަދުގައި ބޮޑެތި ބަލިތަކަށް ބޭސްކުރަން އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު އިންޑިއާއިން ދިނެވެ. އިންޑިއާގެ މީހުންވެސް އަނބުރާ ގައުމަށް ދިޔުމަށް އެތައް ހުރަސްތަކެއް މިވަގުތު އޮތްއިރު، ދިވެހިންނަށް ބޭސްފަރުވާއަށް ދެވެން ފުރުސަތު ލިބުމަކީ އެބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި، އެފަރާތްތަކުގެ އާއިލާތަކަށް ލިބުނު ތަސައްލީއެކެވެ. އެހެންކަމުން އެކަމަށް އިންޑިއާއަށް ހަގީގަތުގައިވެސް ޝުކުރު ހައްގެވެ. އެހެން އެއްވެސް ގައުމަކަށް ނުދޭ ފުރުސަތެއް ރާއްޖެއަށް ދިނުމަކީ ޝުކުރުވެރި ނުވާންވީ ކަމެއްތޯއެވެ؟
އެހެންނަމަވެސް އެކަންވެސް އިދިކޮޅު ސިޔާސީ ފަރާތްތަކަށްވީ ސިޔާސީ ކަމަކަށެވެ. އިންޑިއާއަށް ފަރުވާއަށް ދިވެހިންނަށް ދެވޭގޮތް ހަދައި ދިންކަމަށްޓަކައި އިންޑިއާ ސަރުކާރަށް ފޮރިން މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވުމުން އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކީ ބަލި މީހުންނަށް މަލާމާތްކުރަމުންނެވެ.
އިންޑިއާއިން ރާއްޖެއާ ދިމާލަށް "ފޮޑި"އެއް ޖަހާލުމުންވެސް ޝުކުރު އަދާކުރާނެކަމަށް އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ކޮލަމެއްގެ ސިފައިގައި ގެނެސްދޭ 'ބުޝްރީ' ކިޔާ ކޮލަމިސްޓަކު ބުނުމުން އެކަން ސިފަކުރެވިގެންދަނީ އެބަލި މީހުންގެ ބަލީގެ ސީރިއަސްކަމަށް އިދިކޮޅުން ޖެހި ޖޯކެއްގެ ގޮތުގައެވެ. ބޮޑެތި ބަލިތައް އެއީ އިންސާނަކު ބޭރުކޮށްލާ ވަޔަށް ހަދާލުން އެއީ ސިޔާސީ ފަރާތްތަކަށް މަޖާކަމަކަށްވިޔަސް، ބޮޑެތި ބަލިތައް ޖެހި، ރާއްޖެއިން ބޭސް ނުކުރެވިގެން އިންޑިއާއަށް ދިޔަ މީހުންނަށް އެއީ ބޮޑު ކަމެކެވެ.
މިވަގުތު ބޭސްފަރުވާއަށް ކޮޗިންއަށް ގޮސްހުރި މީހަކަށް ބުޝްރީ ކުރި ޓްވީޓް ދައްކާލުމުން އޭނާ ބުނީ ސިޔާސީ މީހުން ކޮންމެ ކަމެއް ސިޔާސީ ކުރިޔަސް، ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާ، އެމީހުންގެ އާއިލާތަކުން އިންޑިއާއަށް ޝުކުރު އަދާކުރާކަމަށެވެ. އަދި އެއީ ކޮންމެހެން ސަރުކާރަށް ތާއީދުކުރުމެއް ނޫންކަމަށާއި، ބައްޔައް ކުރަން ޖެހޭ ފަރުވާކުރުމަށް މިފަދަ ހައްސާސް ދަނޑިވަޅެއްގައިވެސް އެކަމަށް ހުއްދަ ދިނީތީކަމަށެވެ.
އިންޑިއާ ދެކެ ބަޔަކު ކިތަންމެ ރުޅިއަރައިގެން ކިޔޭ ނުކިޔޭ ނޭނގުނަސް، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ގޮސް ތިބި މީހުންނަށް އިންޑިއާއިން އެކޮށްދިން ކަންތައް ބޮޑެވެ. އެމީހުން ޝުކުރު އަދާކުރެއެވެ.