މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިން މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއާއި) އިން މިހާރު އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މިކަމަށް ސަމާލުވުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.
މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައި ވެސް ނޫސްވެރިންނަށް، އެ ނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކައުންސިލަށް ޔަޤީންކަން ދީފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
މި ހާލަތުގައި ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށް އެ ކައުންސިލުން ވަނީ ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކު އެޅުމަށާއި، އަތް ސާފުކޮށް ސެނިޓައިޒް ކުރުމަށް ހަނދާން ކޮށްދީފައެވެ.
މީގެ އިތުރުން ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމަށާއި، އެ ފާސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކޮށް، ވީހާވެސް ބޮޑަށް މަޢުލޫމާތު ކަށަވަރު ކުރުމަށްފަހު ޤައުމީ މަސްލަޙަތު އިސްކޮށް ޞައްޙަ މަޢުލޫމާތު ފެތުރުމަށް އެ ކައުންސިލުން ވަނީ ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ.