އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ޖެހިޖެހިގެން ހަތަރު ހަފުތާ މައްޗަށް ޖެހިލައިފިއެވެ.
ރޮއިޓަރސް އިން ބުނާގޮތުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު 8500ށް ވުރެ މައްޗެވެ. އެހެންނަމަވެސް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ޖެހިޖެހިގެން ދެ ހަފުތާ ވަންދެން ދަށަށް ގޮސްފައިވާ ކަމަށް ރޮއިޓަރސް އިން ބުނެއެވެ.
ފާއިތުވި ހަފުތާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އިންސައްތަ ވަނީ އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު 36 އިންސައްތަ މައްޗަށް ޖެހިލާފައެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާގައި އަލަށް ވައިރަސް ޖެހުނު މީހުންގެ އިންސައްތަ އޭގެ ކުރީ ހަފްތާ އަޅާބަލާއިރު 5 އިންސައްތަ ދަށަށްގޮސްފައިވާ ކަމަށް ރޮއިޓަރސް އިން ބުނެއެވެ.
އެގޮތުން ކެލިފޯނިއާ، ފްލޮރިޑާ އަދި ޓެކްސަސް އިން އަލަށް ފެނުނު ކޭސްތަކުގެ އަދަދު 180،000ށް އަރައެވެ. މި ތިން ސްޓޭޓްގައި ވެސް ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދުތައް އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ދަށެވެ. އަލަށް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވަނީ 20 ސްޓޭޓަކުންނެވެ. މި ސްޓޭޓްތަކުން ކޭސްތައް ފެންނަ މިންވަރު ޖެހިޖެހިގެން ނުވަ ހަފުތާ ވަންދެން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ނިސްބަތް ވަނީ ފާއިތުވި ހަފްތާގައި 6 އިންސައްތަ ދަށަށް ޖެހިލާފައެވެ. މިއީ މެއި މަހުގެ ފަހުން ޓެސްޓް ކުރެވޭ ނިސްބަތް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ޓެސްޓް ކުރެވޭ ނިސްބަތުގެ 8.2 އިންސައްތަ ޓެސްޓް ޕޮޒިޓިވްކަމަށް ދައްކައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ނިސްބަތަކީ ޓެސްޓް ކުރެވޭ ނިސްބަތުގެ 5 އިންސައްތަ އެންމެ މަދުވެގެން ޕޮޒިޓިވްވުމެވެ.
އެއަށްވުރެ ގިނައިން ޕޮޒިޓިވްވާނަމަ އޭގެ މާނައަކީ އެ ތަނެއްގެ ތެރޭގައި ގިނަ ބަޔެއްގެ ތެރޭގައި ވައިރަސް ފެތުރި އެކަން އަދި ދެނެގަނެވިފައިނުވާ ކަމަށް ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. އެމެރިކާގެ 33 ސްޓޭޓެއްގައި ޓެސްޓް ކުރެވޭ ނިސްބަތުގެ 5 އިންސައްތައަށްވުރެ ގިނައިން ޕޮޒިޓިވް ކަމަށް ދައްކައެވެ.