ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 21:06
ލުބްނާނުގެ ފޮރިން މިނިސްޓަރ ނަސިފް ހިއްތީ- ނަސިފް ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް ނިންމުންތަކާމެދު ނުރުހުން ފާޅު ކުރައްވާފައި
ލުބްނާނުގެ ފޮރިން މިނިސްޓަރ ނަސިފް ހިއްތީ- ނަސިފް ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް ނިންމުންތަކާމެދު ނުރުހުން ފާޅު ކުރައްވާފައި
އޭޕީ
ކޮވިޑް-19 ލުބުނާންގެ ޙާލަތު
ކޮވިޑުގެ ބަލިމަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށް ލުބުންނާނުގެ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި
ނަސިފްއަކީ ލުބުނާނުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާ
ބޮޑުވަޒީރު ވަނީ ނަސިފްގެ އިސްތިއުފާ ޤަބޫލު ކުރައްވާފަ
ލުބުނާނުން މިހާތަނަށް 4885 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިނުގަނެވި އުޅެނިކޮށް ލުބްނާނުގެ ފޮރިން މިނިސްޓަރ ނަސިފް ހިއްތީ އިސްތިއުފާ ދެއްވައިފިއެވެ.

"ޚަލީޖް ޓައިމްސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ނަސިފް ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ އެ ޤައުމުގެ ބޮޑުވަޒީރަށް އަރުވާފައެވެ. އެހެން ނަމަވެސް، އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމައެއް ނުކުރައްވައެވެ. އެއާއެކު ނަސިފް ވެވަޑައިގެންފައި މިވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ލުބުނާނުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ނަސިފް ވަނީ މީގެ ކުރިން ހިތްހަމަނުޖެހުން ވެސް ފާޅު ކުރައްވާފައެވެ.

ލުބުނާނުގެ ރައީސްއާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮ ތުން އެ ޤައުމުގެ ރައީސް އާއި ބޮޑުވަޒީރު ވަނީ ނަސިފްގެ އިސްތިއުފާ ޤަބޫލު ކުރައްވާފައެވެ. އަދި އެ މަޤާމަށް މިހާރު ވަނީ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިސަރުގެ މަޤާމުގައި ހުންނެވި ކަރބެލް ވައްހާބް އައްޔަނު ކުރައްވާފައެވެ.

ލުބުނާނުން މިހާތަނަށް 4885 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް 62 މީހަކު އެ ޤައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ. އަދި 1795 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

- ކޮމެންޓް