ބ. އަތޮޅު ގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މުސާރައިގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފިއެވެ.
ބޮޑުފިނޮޅުގައި މަސައްކަތަކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތީ އެ މީހުން ވަނީ އެ ރަށުގައި މުޒާހަރާކޮށް އެތަނުގައި ތިބި ދިވެހިން ރަހީނުކޮށްފައެވެ. އެ މައްސަލާގައި ހިމެނޭ 19 ބިދޭސީންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާފައިވަނީ ޖުލައި މަހުގެ 15 ދުވަހުއެވެ. އޭގެ ފަހުން އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ.
ހޯމަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބޮޑުފިނޮޅުން ހައްޔަރުކުރި މީހުން އާދިއްތަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު އެ މީހުން އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ ބޮޑުފިނޮޅު މައްސަލާގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާތީ ބިދޭސީންގެނައި އާރްއައިއެކްސް ކުންފުނީގެ މައްސަލައެއް ވެސް ބަލަމުންނެވެ. އޭގެ ތެރޭގައި ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ މައްސަލަ ހިމެނެއެވެ.
ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް ދޭންޖެހޭ އުޖޫރަ ހޯދުމަށް ސީލް މޯލްޑިވްސްގެ މައްޗަށް ދައުވާކުރެވިފައިވާ ކަމަށާއި ޝަރުޢީ މަރުހަލާ ތެރެއިން މިފައިސާ ހޯދުމުގެ މަސައްކަތް ކުރެވުނު ކަމުގައިވިޔަސް އުޖޫރައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާރްއައިއެކްސް ކުންފުނީގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ވަނީ މީގެކުރިން ބުނެފައިވެއެވެ. އަދި މިކަމުގައި ދެ ބަސްވުންތަކެއް އުފެދިފައިވީނަމަވެސް އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފައިވެއެވެ. އެގޮތުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ގެންދިޔުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަނުދީ ލާއިންސާނީ އެތައް އަމަލެއް ސީލް މޯލްޑިވްސް އިން ކޮށްފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ދީފައިވާ ޖަވާބަކީ ސީލް މޯލްޑިވްސްގެ ހުއްދަ ލިބިގެން ނޫންގޮތަކަށް ރަށަށް ކާބޯތަކެތި ނޭރުވެނޭ ކަމަށް ކަމަށާއި މިކަމަށް ފުލުހުންގެ އެއްބާރުލުން ނުލިބުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މައްސަލަ ހުށަހެޅުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމުގައި އެ ދެފަރާތުން ކުރި މަޝްވަރާ ތަކަށްފަހު އެ މައްސަލައަށް ހައްލެއް ލިބުނީ 30 ޖުލައި ގެ ދަންވަރުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައިގައި މިއަށްވުރެން ޒިންމާދާރުކޮށް އަމަލުކުރުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.