ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 15:57
އެތުލެޓިކްސް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ
އެތުލެޓިކްސް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް އެސޯސިއޭޝަން ރީބްރޭންޑް ކުރުން
އެތުލެޓިކްސް އެސޯސިއޭޝަން ރީބްރޭންޑް ކުރަނީ
ރީބްރޭންޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި
އެސޯސިއޭޝަނުގެ ނަމުގެ އިތުރުން އެސޯސިއޭޝަނުގެ ލޯގޯއަށްވެސް ބަދަލު އަންނާނެ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން މޯލްޑިވްސް އެތުލެޓިކްސްއަށް ބަދަލުކޮށް، ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައި ގަތުމަށްފަހު ތޮލާލް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކަށް އެސޯސިއޭޝަނުން އެންމެ ފުރަތަމަ ކުރަން ކަނޑައަޅައިފައިވަނީ އެސޯސިއޭޝަނުގެ ސްޓްރަކްޗާ ބަދަލުކޮށް އެސޯސިއޭޝަން ރީބްރޭންޑް ކުރުމުގެ މަސައްކަތް ކަމަށާއި، އެގޮތުން އެސޯސިއޭޝަނުގެ ނަން މޯލްޑިވްސް އެތުލެޓިކްސްއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރީބްރޭންޑް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުގެ ނަމުގެ އިތުރުން އެސޯސިއޭޝަނުގެ ލޯގޯއަށްވެސް ބަދަލު އަންނާނެ ކަމަށާއި، އަންނަ އަހަރު މިކަން ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެސޯސިއޭޝަން ރީބްރޭންޑް ވެގެންދާއިރު އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް އަންނާނެ ކަމަށާއި، އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކްލަބްތަކުގެ މަޝްވަރާ ވަރަށް ބޮޑަށް ހޯދާނެ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު ހ. ބޯޅަގޭގައި ބޭއްވިއިރު، އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތޮލާލް އާއި ޔަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އިންތިޚާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވޯޓުލިއިރު، ތޮލާލަށް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ. ޔަޒޫއަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

ތިންވަނަ ދައުރަކަށް ރައީސް ކަމަށް ތޮލާލް އިންތިޚާބުވެވަޑައިގެންނެވިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި އެތުލެޓިކްސްގައި ރާއްޖެ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ހޯދުމުގެ އިތުރަށް، އޭޝިއާ ފެންވަރުގެ މުބާރާތްތަކުންވެސް ވަނީ ކާމިޔާބީ ހޯދާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް