ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ކަނޑާނުލައި، މުސާރަ ކުޑަކޮށްފައި ނުވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ 20 އިންސައްތަ ކުންފުނިތަކުން ކަމަށް މަރުކަޒީ ބެންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއަށް ގެންދެވުނު ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކުގެ އެމްޕްލޯއިމެންޓް އިންޑެކްސް -74 ށް ދަށްވެގެން ދިޔަ ކަމަށެވެ. މީގެން އެނގިގެންދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަން ކަމަށާއި، އެމްޕޯއިމެންޓް ލެވަލްއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ، މި ސާވޭގައި ބައިވެރިވި 26 އިންސައްތަ ކުންފުނިތަކުން ކަމަށެވެ.
މުސާރައާއި މަސައްކަތުގެ ޚަރަދުތައްވެސް ބޮޑުތަނުން ކުޑަވެފައިވާކަން ފާހަގަކޮށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ މުވައްޒަފުންގެ އަދަދަށާއި މުސާރައަށް މިދާއިރާގައި މަސައްކަތް ކުރާ 80 އިންސައްތަ ކުންފުނިތަކުން ބަަދަލުގެނެސްފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދާއި، މުސާރަ އާއި، ކެޕިޓަލް ޚަރަދުގެ އިތުރުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމަށް ދައްކާއިރު، ކުރިއަށް އޮތް ކުއާޓަރުގައިވެސް ދަށްވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރާއްޖެއަކީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އެއް ގައުމެވެ. "ބޭސް ލައިން" ސިނާރިއޯއަށް ބަލާއިރު 2020 ވަނަ އަހަރު ބޮލަކަށް ޖެހޭ އަދަދު ނުވަތަ "ރިއަލް ޖީޑީޕީ" 13.0 އިންސައްތައިން ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. މިއީ ކޮވިޑް-19 ގެ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެން 18.5 އިންސައްތަ ދަށް އަދަދެކެވެ. 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގައި ރާއްޖޭގެ ޖީޑިޕީ 13.1 އިންސައްތައިން ދަށްވިއިރު، ކޮވިޑް-19 ގެ މިކާރިސާއަކީ ސުނާމީއަށް ފަހު އައި އިގުތިޞާދީ ހީނަރުކަމާ އެއްވަރު، ނުވަތަ އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއެކު، އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، އާމްދަނީއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން އެތައް ހާސް ބައެއްގެ ވަޒީފާއަށް އެކި ގޮތްގޮތުން މިކަމުގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.