މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ ސަރަޙައްދު ކަމަށްވާ ލެޓިން އެމެރިކާގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ފަސް މިލިޔަނާ ގާތަށް ޖެހިލައިފިއެވެ.
އާދިއްތަ ދުވަހު އާޖެންޓީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކަ ފަހަނައަޅައި ގޮސްފައެވެ. މީގެ އިތުރުން އާދިއްތަ ދުވަހު ކޮލަމްބިއާއިންވެސް ވަނީ ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އެސަރަޙައްދުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހޮނިހިރު ދުވަހު ވަނީ ދެ ލައްކައަށް އަރާފައެވެ.
ދުނިޔޭގެ އާބާދީގެ 8 އިންސައްތަ ހިއްސާކުރާ ލެޓިން އެމެރިކާގެ ގައުމުތަކުން ވައިރަސް ޖެހި އަދި މަރުވާ މީހުންގެ 30 އިންސައްތަ ހިއްސާކުރެއެވެ.
ފާއިތުވި ހަފުތާ ކޮލަމްބިއާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިން ލައްކަ ފަހަނައަޅައި ގޮސްފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 10،000 (ދިހަ ހާސް) ށް އަރާފައެވެ. މިފަހުން ވައިރަސް ބޮޑުތަނުން ކޮންޓްރޯލް ކޮށްފައިވާ އާޖެންޓީނާއިން ވަނީ އަނެއްކާވެސް ކޭސްތައް ފެންނަން ފަށާފައެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓު ކުރަމުން އަންނަ 10 ގައުމުގެ ތެރޭގައި ލެޓިން އެމެރިކާއަށް ނިސްބަތްވާ ފަސް ގައުމު ހިމެނެއެވެ.
ބްރެޒިލްއަކީ ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓު ކުރަމުން އަންނަ ގައުމެވެ. ބްރެޒިލުން އެކަނި 2.7 މިލިޔަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު، 94،000 (ނުވަދިހަ ހަތަރު ހާސް) ށްވުރެ ގިނަ މީހުން ވަނީ އެގައުމުން އެކަނި މަރުވެފައެވެ.
ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި ދާއިރު، އެސަރަޙައްދުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް އަންނަނީ މައްޗަށް ދަމުންނެވެ. އަދި އެސަރަޙައްދުގެ އިގުތިޞާދު ކުރިއަރާ މިންވަރު ނުވަ އިންސައްތައިގައި ހިފެހެއްޓިފައިވާއިރު، ފަގީރުކަމާއި ވަޒީފާ ނެތުމުގެ މައްސަލަތައް ވަނީ އިތުރުވާން ފަށާފައެވެ.