ސައުދީ އަރަބިއާއިން ފެނުނު ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދަކަށް ދަށްވެއްޖެއެވެ.
ސައުދީ ގެޒެޓްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސައުދީއަރަބިއާއިން އާދިއްތަ ދުވަހު ރިޕޯޓް ކުރެވިފައިވަނީ 1357 ކޭސްއެވެ. އަދި މިއީ ފާއިތުވެ ދިޔަ މަސްތަކަށް ބަލާއިރުވެސް ދުވާލެއްގެ މައްޗަށް ފެނުނު ކޭސްތައް މިހައި ދަށްވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއެކު ސައުދީން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމުލަ އަދަދަކީ 278،835 (ދެލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ތިރީސް ފަހެއް) އެވެ.
އޭގެ އިތުރުން، ސައުދީގައި ބަލިން ރަނގަޅުވާ ނިސްބަތް (ރިކަވަރީ ރޭޓް) ވެސް ވަނީ 86.1 އިންސައްތައަށް އަރާފައެވެ. އަދި އިތުރު 2533 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މިހާތަނަށް ކޮވިޑް-19 ޖެހިގެން އެ ޤައުމުން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 240،081 (ދެލައްކަ ސާޅީސްހާސް އައްޑިހަ އެކަކަށް) އަރާފައެވެ.
އާދިއްތަ ދުވަހު ސައުދީން އިތުރު 30 މީހަކު މި ބަލީގައި މަރުވެފައިވެއެވެ. އެއާއެކު މަރުވި މީހުންގެ ޖުމުލަ އަދަދަކީ 2917 އެވެ. އަދި މިވަގުތުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި 35،837 ކޭސްއެއް ރިޕޯޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން 2011 ކޭސްއަކީ ސީރިއަސް ޙާލަތުގައި ތިބި ބަލި މީހުންނެވެ.
ފަހުން ފެނުނު ކޭސްތަކާއެކު، ސައުދީން މިހާރު އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ މައްކާއިންނެވެ. ދެވަނައަށް ރިޔާދް އޮތްއިރު، ތިންވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވަނީ ޖިއްދާއިންނެވެ.
ސައުދީން ފެނުނު ކޭސްތައް ރެކޯޑް އަދަދަކަށް މަދުވެފައިވާއިރު، އާދިއްތަ ދުވަހު ވަނީ ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު ކުރެވުނު ހައްޖުގެ އަޅުކަންވެސް ނިންމާލާފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކޮށްފައިވަނީ 10،000 މުސްލިމުންނެވެ.