ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 22:46
އަބުރުފުޅު ފަނޑު ހުޅުވައި ދެއްވަނީ
އަބުރުފުޅު ފަނޑު ހުޅުވައި ދެއްވަނީ
ރާއްޖެ އެމްވީ
އަބުރުފުޅު ފަންޑު
ނިޒާރާއި ޣަފޫރުގެ އެއްލައްކަ ރުފިޔާއިން ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑު" ހުޅުވައިފި
ޣަފޫރާއި ނިޒާރު ވަނީ ކޮންމެ މެންބަރަކު 50 ހާސް ރުފިޔާ ދެއްވާފައި
މިފަންޑު ވަނީ ޢާއްމުކޮށް ހުޅުވާލާފައި
ރާއްޖެ ޓީވީ މީގެ ކުރިން ވެސް ވަނީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީއަށް ކުރި ޖޫރިމަނާ ދެއްކުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވައިފި އެވެ.

 

ފަނޑު ހުޅުވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ޢަފޫރު މޫސާ ވަނީ 50،000ރ. (ފަންސާސް ހާސް ރުފިޔާ)، ފަންޑަށް ހަދިޔާކުރައްވާފައެވެ. 

 

"އަބުރުފުޅު ފަންޑު" ހުޅުއްވައިދެއްވަމުން ޣަފޫރު ވިދާޅުވީ އެބޭފުޅާ އާއި ނިޒާރުގެ އިސްނެންގެވުމުން ދޭހަވަނީ ރާއްޖޭގެ އުތުރާއި ދެކުނު އޮތީ ރާއްޖެ ޓީވީއާ އެކުގައި ކަމަށާއި ރާއްޖެ ޓީވީން ކުރަމުން ގެންދާ މަސައްކަތަކީ ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައި ކުރާ ޤައުމީ މަސައްކަތެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ ރާއްޖެ ޓީވީއަކީ ރާއްޖޭގެ މީޑިޔާގެ މިނިވަންކަމަށް ވެސް ވަރަށް މުހިއްމު ޗެނަލެއް ކަމަށާއި ސިޔާސީ މަޝަރަހުން އެންމެ ހިތްދަތިވި ދެދުވަހަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ދުވަހާއި ރާއްޖެ ޓީވީ ރޯކޮށްލި ދުވަސް ކަމަށެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިފަންޑަކީ ރާއްޖެޓީވީއަށް ހެޔޮއެދޭ ރާއްޖެޓީވީގެ ބެލުންތެރިން އެޖޫރިމަނާ ދެއްކުމުގައި އެހީތެރިވުމަށް އެދެމުންދާތީ ހުޅުވާލާ ފަންޑެއް ކަމަށެވެ.

ފިޔާޒް ވިދާޅުވީ މިފަންޑަކީ ރާއްޖެ ޓީވީއަށް ކުރިމަތިވެފައިވާ ބޮޑު ބުރައަކުން އަރައިގަތުން ކަމަށެވެ. އަދި ފިޔާޒް ރައީސުލް ޖުމްހޫރިއްޔާގެ އަބުރުފުޅާ ބެހުނުކަމަށް ބުނާ ވީޑިއޯ ބައްލަވާލެއްވި ކޮންމެ މީހަކަށްވެސް އޭގައި ވަކި މީހެއްގެ އަބުރާ ބެހިފައި ނުވާކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި އެއްވެސް އަސްލެއްނެތް ތުހުމަތެއްކޮށް ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަކީ ރާއްޖެ ޓީވީގެ އަޑު ކަނޑުވާލާ ބަންދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޅެއް ކަމަށެވެ

ފިޔާޒް  ވިދާޅުވީ ރާއްޖެ ޓީވީގެ ކުށަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ހަމަހަމަކަމާއެކު ނޫސްވެރިކަމުގެ އެންމެހާ ތަރަހައިގެ ތެރެއިން ދެފުށް ފެންނަ ގޮތަކަށް ހުރިހާ ފަރާތެއްގެ ޚަބަރުތަކާއި މައުލޫމާތު ގެނެސްދިނުން ކަމަށާއި މިފަދަ ގޮތަކަށް ޗެނަލް ބަންދުކުރަން މަސައްކަތް ކުރިނަމަވެސް ފަހަތައް ނުޖެހޭނެ ކަމަށެވެ.

ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރ ޢަލީ ޔޫސުފް ވިދާޅުވީ ރާއްޖެ ޓީވީން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް ކަމަށާއި ރާއްޖެޓީވީ ބިނާ ކުރަމުން ދަނީ ވީހާވެސް ގިނައިން ލައިވްކޮށްގެން އެމައުލޫމާތެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.

ޢަލީ ވިދާޅުވީ އަބުރުގެ ޤާނޫނަކީ ރާއްޖެ ޓީވީއަށް އަމާޒުކޮށްފައިވާ އެއްޗެއް ކަމަށާއި ފުރަތަމަ ފިޔަވަޅު ވެސް އަޅާފައިވަނީ ރާއްޖެ ޓީވީއަށް ކަމަށެވެ. އަދި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެޅި ދެވަނަ ފިޔަވަޅަކީ ރާއްޖެ ޓީވީގެ ދުވަސް ދުއްވާލުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކޮށްފައި މި ވަނީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އެއް މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމާ އެކުއެވެ. 

- ކޮމެންޓް