ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 19:13
އެތުލެޓިކްސް އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) އާއި މިހާރުގެ ރައީސް މުޙައްމަދު ތޮލާލް
އެތުލެޓިކްސް އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) އާއި މިހާރުގެ ރައީސް މުޙައްމަދު ތޮލާލް
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސްއަށް އަލިބެ ކޮށްދެއްވި ޚިދުމަތްތައް
އެތުލެޓިކްސްގެ ކާމިޔާބީތަކުގެ ސިއްރަކީ އަލިބެ: ތޮލާލް
"އެތުލެޓިކްސް ކުރިއަރަމުން އައީ ކުރިން މަސައްކަތްކުރި ބަޔަކު އެތުލެޓިކްސް ކުރިއެރުވުމަށް ކުރި ބުރަ މަސައްކަތުން"
މައިޒާން އަލިބެ އަކީ ރާއްޖޭގެ އެތުލެޓިކްސްއަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވި އެއް ބޭފުޅާ

އެތުލެޓިކްސްގެ މިހާރުގެ ކާމިޔާބީތަކުގެ ސިއްރަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ތޮލާލް ވިދާޅުވީ އެތުލެޓިކްސް ކުރިއަރަމުން އައީ ކުރިން މަސައްކަތްކުރި ބަޔަކު އެތުލެޓިކްސް ކުރިއެރުވުމަށް ކުރި ބުރަ މަސައްކަތުން ކަމަށާއި، މިހާރު މިދެކޭ ކާމިޔާބީތަކުގެ ސިއްރަކީ އެބޭފުޅުން ކަމަށެވެ. އަދި އޭރު އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަލިބެގެ މަސައްކަތް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ކަމަށާއި، ރައީސްގެ މަގާމުން އަލިބެ ދުރުވުމަށްފަހުވެސް އެތުލެޓިކްސްގެ މަސައްކަތްތަކުން އަލިބެ ދުރުނުވާ ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު އެތުލެޓިކްސްގެ ކަންކަން ކުރިއަށް ގެންދިޔުމަށް އަލިބެގެ މަޝްވަރާ ހޯދާނެ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ އެތުލެޓިކްސްއަށް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޑެއްޔެއް ހޯދީ 2007 ވަނަ އަހަރު ކަމަށާއި، އެ މަޑެއްޔަށްފަހު ރާއްޖޭގެ އެތުލީޓުންނަކީ މި ރީޖަންގައި ވާދަކުރެވޭނެ އެތުލީޓުންތަކެއްކަން ގަބޫލުކުރެވުން ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ މިއަދު މި ރީޖަންގެ އެންމެ ބާރު ދުވުންތެރިޔަކީ ރާއްޖޭގެ ދުވުންތެރިޔަކަށްވުން ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

މައިޒާން އަލިބެ ވަނީ 2012 އަހަރުގެ ނިޔަލަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އަލިބެ އަކީ ރާއްޖޭގެ އެތުލެޓިކްސްއަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވި އެއް ބޭފުޅެވެ. އެގޮތުން އަލިބެ އަކީ ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތަކުން މެޑެއްޔެއް ގެނައުމުގެ ދުރު ވިސްނުމުގެ ޕްލޭނެއް އެންމެ ފުރަތަމަ ހެއްދެވި ބޭފުޅެވެ.

އަލިބެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް ހުރިއިރު، ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމުން ވަނީ 2007 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި މެޑަލް ހޯދާފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއަށް އެތުލެޓިކްސްއިން ހޯދުނު ފުރަަތަމަ މެޑެއްޔެވެ.

އޭގެ ފަހުން އަލިބެގެ ޕްލޭންގެ ދަށުން ރާއްޖޭގެ ސްޕްރިންޓް ރިލޭ ޓީމު ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދާފައެވެ. މިއީ ބައިނަލްއަގްވާމީ އެތުލެޓިކްސްގައި ރާއްޖޭގެ ކާމިޔާބީގެ ފެށުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް