އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޮވިޑް19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ ސަރަހައްދުގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ.
ވިކްޓޯރިއާގެ ޕްރިމިއަރ ޑެނިއަލް އެންޑްރޫޒް ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރުން ފެށިގެން އިތުރު ފިޔަވަޅުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އައު ގަވައިދުގެ ދަށުން ބޭރަށް ނިކުމެ އުޅެވޭނެ ސަބަބުތައް މަދުކުރަން ވަނީ ނިންމާފައެވެ. އަދި އެ މީހަކު ދިރިއުޅޭ ގެއާ ފަސް ކިލޯމީޓަރުގެ ސަރަހައްދުން ބޭރުވުން ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން ވިކްޓޯރިއާ ސްޓޭޓުގެ ވެރިރަށް، މެލްބަންގެ ރައްޔިތުންނަށް ރޭގަނޑު 20:00ން ފަތިހު 05:00ށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ގެއަކުން އެއް ފަހަރާ ނިކުމެވޭ މީހުންގެ އަދަދު އެކަކަށް މަދުކޮށް، ދުވާލަކު އެއް ފަހަރު ކަސްރަތު ކުރަން ނިކުމެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.
އެންމެ ފަހުން އެޅި ފިޔަވަޅުތައް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ. އަދި މިހާރު ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ރައްޔިތުން އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް އިއުލާންކުރައްވަމުން ޕްރިމިއަރ އެންޑްރޫޒް ވިދާޅުވީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުކަށި ކުރީ މިހާރު ހުރި ފިޔަވަޅުތަކުގެ ނަތީޖާ ފެނުން ލަސްވެގެން ކަމަށެވެ. އަދި މި ބަލި ފެތުރުން ހުއްޓުވޭނީ ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަ ވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގައި ކޮވިޑް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދުތައް އިތުރުވެފައިވަނީ، ބަލި ކޮންޓްރޯލް ކުރުމުގައި އެ ގައުމުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހުއެވެ. މިހާތަނަށް އެ ގައުމުން 17،900 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 45 އިންސައްތަ ކޭސް ފެނިފައިވަނީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.