ޖޫރިމަނާ އަކަށް ފަހު ޖޫރިމަނާއެއް ކުރުމަކީ ރާއްޖެޓީވީގެ މަސައްކަތަށް އަޅާ ހުރަހެއް ކަމަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާކް އެމްޑީއެން އިން ބުނެފިއެވެ.
އެމްޑީއެނުން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް ރާއްޖެ ޓީވީއާއި ރާއްޖެ ޓީވީގެ ނޫސްވެރިންނާމެދު ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖެ ޓީވީއަށް ލިބިގެންވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކަނޑައެޅިގެން އަޅާ ހުރަސްތަކެއްކަމުގައި ދެކޭކަމަށެވެ.
ދިވެހިރާއްޖެއިން ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށާއި، ޤާނޫނުއަސާސީއަށް ބޯލަނބައި ކިޔަމަންވުމަށް ބްރޯޑްކޮމްއަށް އެމްޑީއެނުން ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގުވާމީ މުޢާހަދާތަކުގެތެރޭގައި ހިމެނޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހަމަހަކަން އެއީ އަސާސީ ޙައްޤުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކެއްކަން ހަނދުމަކޮށް ދޭކަމަށް ބަޔާނުގައިވެއެވެ.
ނޫސްވެރިކަމަށް ކުރިމަތިކުރާ މިފަދަ ހުރަސްތަކަކީ، ޤާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ، ދަޢުލަތުގެ ސިޔާސަތުތަކާއި ދަޢުލަތުގެ ވެރިންގެ ނަޒާހާތްތެރިކަމާމެދު ބަޙުސްކުރުމަށް ލިބޭ ފުރުޟަތު ބަންދުކުރުންކަަމަށް ދެކޭކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖެޓީވީއާއި އެޓީވީގެ ނޫސްވެރިން ގެނެސްދޭ ޚަބަރުތަކަކީ އެހެނިހެން މީޑިއާތަކެކޭވެސް އެއްފަދައިން، ތަފާތު އިވެންޓްތަކާއި، ސިޔާސީ ހަރަކާތްތަކާއި އަދި މިނޫންވެސް، ރައްޔިތުންގެ ޝައުގުވެރިކަން ހުންނަ، ރައްޔިތުންނާއި ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުން މުހިއްމު ޚަބަރާއި ރިޕޯޓުތަކަކަށްވީ ހިނދު، އެގޮތުން ގެނެސްދޭ ޕްރޮގްރާމްތަކާއި ގުޅިގެން މަޢާފަށް އެދުމަށް މަޖުބޫރުކުރުމާއި، ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަކީ ރާއްޖެ ޓީވީއަށް ކުރިމަތިކުރާ ފުރައްސާރައެއްކަމުގައި މިޖްމަޢިއްޔާއިން ދެކެއެވެ.
އޭޕްރިލް މަހުގެ 6 ވަނަދުވަހަށް ފައިސާދެއްކުމަށް އަންގައި، 250،000 ރުފިޔާގެ ޖޫރިމަނާ ކުރުމަށްފަހު، ފައިސާ ދައްކާހަމަ ނިމުމާއެކު އެއް މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާކުރި ކުރުމަކީ، އެ ޓީވީގެ މައްސައްކަތައް އަޅާފައިވާ ހުރަހެއްކަމުގައި ދެކޭކަމަށް އެމްޑީއެންއިން ވަނީ ބުނެފައެވެ.
އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޑިމޮކްރަސީގެ އަސާސްތައްކަށް އިޙްތިރާމްކުރުމަކީ އިންސާފުވެރި ޤާނޫނީ ވެރިކަމެއް ހިންގުމުގައި ދަޢުލަތުގެ އެންމެހައި މުއައްސަސާތަކާއި ރައްޔިތުންގެ ވާޖިބެއްކަމުގައި ބްރޯޑްކާސްޓިންގް ކަމިޝަނަށް އެމްޑީއެން އިން ވަނީ ހަނދާންކޮށްދީފައެެވެ.