ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 12:53
ސައުދީ އަރަބިއްޔާ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދު
ސައުދީ އަރަބިއްޔާ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދު
އޭއެފްޕީ
ސައުދީން ނިއުކާސަލް ގަންނަން ކުރި މަސައްކަތް
ސައުދީން ނިއުކާސަލް ގަންނަން ކުރި މަސައްކަތް ނާކާމިޔާބު: ވާދަވެރި ކްލަބުތަކުގެ ނުފޫޒު އޮތް
300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން މަސައްކަތް ކުރީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްއިން
ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް 80 އިންސައްތަ ހިއްސާ ލިބޭ

ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑު ކުންފުންޏަކުން އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރި މަސައްކަތް ހުއްޓާލައިފިއެވެ.

ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާއެކު 300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން މަސައްކަތް ކުރީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އިންނެވެ. އަމަންޑާއާ އެކު ނިއުކާސަލް ގަތުމުގައި ހިއްސާ ވަނީ ސައުދީ އަރަބިއްޔާ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދުގެ ހިއްސާ އޮންނަ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ންނެވެ. އެގޮތުން މި ޑީލް ކުރިއަށްދިޔަނަމަ، ނިއުކާސަލްގައި ޕީއައިއެފްގެ ޗެއާމަންގެ ހައިސިއްޔަތުން ސައުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ހިއްސާ އަކީ 80 އިންސައްތައެވެ. ބާކީ 20 އިންސައްތަ ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 އިންސައްތަ ލިބޭ ގޮތަށެވެ.

ނިއުކާސަލް ގަތުމުގެ މަސައްކަތް ނާކާމިޔާބުވީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ން ނިއުކާސަލް ގަންނަން ކުރި ބިޑް އަނބުރާ ގެންދިޔުމާ ގުޅިގެންނެވެ. ސައުދީން ނިއުކާސަލް ގަތުމާ ގާތަށް ދިޔަ ނަމަވެސް، އެކަން ކުރިއަށްދާ ގޮތްނުވުމުން އެންމެ ފަހުން ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ނިއުކާސަލް ގަންނަން ކުރި ބިޑް އަނބުރާ ގެންގޮސްފައިވާކަން ޕީއައިއެފުން ވަނީ އިއުލާން ކޮށްފައެވެ.

ނިއުކާސަލް ވިއްކާލުމާ ދެކޮޅަށް ވާދަވެރި ކްލަބުތަކުގެ އިތުރުން މީޑިއާ އާއި ބައެއް ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ވަނީ އަޑުއުފުލާފައެވެ.

ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ވެރިޔާ އަމަންޑާ ސްޓަވިލީސް ވިދާޅުވީ ނިއުކާސަލް ގަންނަން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ ވާދަވެރި ކްލަބްތަކުގެ ނުފޫޒުވެސް އޭގެ ތެރެއަށް ވަނުމުން ކަމަށެވެ. އެގޮތުންވާދަވެރި ކްލަބުތަކުންވެސް އެ ޑީލް ހުއްޓުވުމަށް އިސް ރޯލެއް ކުޅުނު ކަމަށް ވަނީ ވިދާޅުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލް ވިއްކާލުމާ ދެކޮޅަށް މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ އަދި އާސެނަލް ހިމެނެއެވެ.

މީގެ ކުރިން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ނިއުކާސަލް ވިއްކާލުމުގެ ކަންތައްތަކުގެ ފުރިހަމަ ތަހުގީގެއް ކުރަން ޕްރިމިއާ ލީގަށް ގޮވާލާފައެވެ. އަދި ޕްރިމިއާ ލީގު ބްރޯޑްކާސްޓް ކުރަމުން އަންނަ ބެއިން ސްޕޯޓްސްއިން ވަނީ ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން ނިއުކާސަލް ވިއްކާލުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ނިއުކާސަލް ޑީލް ކުއްލިއަކަށް ހުއްޓުނުއިރު، ފާއިތުވި ހަފުތާގައި ނިއުކާސަލްގެ އައު ބޯޑުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ނަންތަކާއި ސައުދީ ސަރުކާރާ ސީދާ ގުޅުމެއް ވޭތޯ ޕްރިމިއާ ލީގުން ވަނީ ބަލަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް