ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި، ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
ގާސިމްގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު އެވެ. ދައުވާތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށެވެ.
ގާސިމްގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ވޯޓް ނެގުމަށް އެޖެންޑާކޮށް، ވަގުތު ކައިވެރިވެފައިވަނިކޮށް، ގާސިމް ބޭނުންފުޅުވާ ވަކި ގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިއްވުމުގެ އަމަލުތައް ހިންގަވާފައިވާ ތުހުމަތު ކުރެވޭތީ އާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރި އެވެ.
މީގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭތީ އާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތަކެއް ކުރާކަމަށް ވެސް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލަތަކުގެ ތުހުމަތުގައި ފުލުހުން ވަނީ ގާނޫނާ ޚިލާފް އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ގާސިމް ހައްޔަރުކޮށްފަ އެވެ. އަދި ހުކުރު ދުވަހު ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހިއިރު، ހައިކޯޓުން ބުދަ ދުވަހު ވަނީ ގާސިް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ހޯދި އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅައި ގާސިމް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެ އަމުރާއެކު ފުލުހުން ވަނީ ގާސިމް ދޫކޮށްލާފަ އެވެ.