ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 09:59
ފްރާންސްގެ ރައީސް ސަނޯފީއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން
ފްރާންސްގެ ރައީސް ސަނޯފީއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން
ޔޫރޯނިއުސް
ކޮވިޑް-19 ވެކްސިން
ސަނޯފީން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ 300 މިލިއަން ޑޯޒް އީޔޫއަށް
އެ އެއްބަސްވުމުގެ ދަށުން އީޔޫގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ލިބޭނެ
އީޔޫ އިން ވެކްސިން ހޯދުމުގައި ކާމިޔާބުކަމާއެކު ވެކްސިނެއް އެންމެ އަވަހަށް އުފައްދާނެ ކަމަށް ބެލެވޭ ހުރިހާ ކުންފުނިތަކަކަށް އިންވެސްޓް ކުރާނެ
މިވެކްސިން ކާމިޔާބުވެއްޖެނަމަ އަންނަ އަހަރުގެ ކުރީކޮޅު ލިބޭވަރުވާނެ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފްރާންސްގެ ފަރމަސޫޓިކަލް ކުންފުންޏެއް ކަމުގައިވާ ސަނޯފީން 300 މިލިއަން ޑޯޒް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ޚާއްސަކޮށްފައިވާ ކަމަށް އީޔޫއިން ބުނެފި އެވެ.

އީޔޫ އިން ބުނީ 300 މިލިއަން ޑޯޒް ހޯދުމުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އީޔޫގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ލިބޭނެކަމަށެވެ. މިކަމާއި ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔެން ވިދާޅުވެފައިވަނީ ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެތައް ފަރމަސޫޓިކަލް ކުންފުންޏަކުން މަސައްކަތްތައް ކުރަމުންދާއިރު މިތަނުން ކާމިޔާބުވާނީ ކޮން ކުންފުންޏަކުން އުފައްދާ ވެކްސިނެއް ކަމެއް އަދި ނޭގޭކަމަށެވެ. އެހެންކަމުން އީޔޫ އިން ވެކްސިން ހޯދުމުގައި ކާމިޔާބުކަމާއެކު ވެކްސިނެއް އެންމެ އަވަހަށް އުފައްދާނެ ކަމަށް ބެލެވޭ ހުރިހާ ކުންފުނިތަކަކަށް އިންވެސްޓް ކުރާނެ ކަމަށް އުރްސުލާ ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން އީޔޫގެ ގައުމުތަކަށް ގިނަ އަދަދެއްގެ ވެކްސިން ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށް އުރްސުލާ ވިދާޅުވި އެވެ.

ސަނޯފީން 32 ގައުމެއްގައި 73 އިންޑަސްޓްރިއަލް ތަނެއް ހިންގަމުން ދެއެވެ. މިހާތަނަށް ކޮވިޑް-19 އަށް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ސަނޯފީން ވެކްސިން އުފައްދަމުން އަންނަނީ ވަކިން ޚާއްސަކޮށް ފްރާންސް، ބެލްޖިއަމް، ޖަރމަނީ އަދި އިޓަލީއަށެވެ.

ސަނޯފީން އުފައްދަމުންދާ ވެކްސިންގެ ފޭސް 1 އަދި ފޭސް 2 ގެ ތަހުލީލުތައް ފަށާނީ ސެޕްޓެމްބަރ މަހު އެވެ. އަދި ފޭސް ތިނެއް ފަށާނީ މިއަހަރު ނިމޭ ހިސާބުގަ އެވެ. މިވެކްސިން ކާމިޔާބުވެއްޖެނަމަ އަންނަ އަހަރުގެ ކުރީކޮޅު ލިބޭވަރުވާނެ އެވެ.

އީޔޫގެ މިނިންމުމަށް ސަނޯފީން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ސަނޯފީން މަސައްކަތް ކުރަމުންދަނީ ހުރިހާ އެންމެންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށާއި މިކަމުގައި އީޔޫން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް ސަނޯފީން ވަނީ ބުނެފަ އެވެ.

އީޔޫގެ މިނިންމުން އިއުލާން ކުރުމުގެ ކުރިން ސަނޯފީ އާއި އިނގިރޭސިވިލާތުގެ ލެބޯޓްރީ އެއްކަމަށްވާ ޖީއެސްކޭ އިން ވަނީ ވެކްސިން އުފެއްދުމަށް 2.1 ބިލިއަން ޑޮލަރު ލިބިފައިވާކަން ހާމަކޮށްފަ އެވެ. ސަނޯފީން ވަނީ ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާ އަށް ދިނުމަށްވެސް އެއްބަސްވެފަ އެވެ.

އީޔޫގެ މިނިންމުމަށް ފްރާންސް އިންވެސް ވަނީ މަރުޚަބާ ކިޔާފައެވެ.

- ކޮމެންޓް