ކޮވިޑް-19 ގެ ދެވަނަ ވޭވެއް އައުމުގެ ބިރުވެރިކަމާއެކު ލޮކްޑައުން އަށް އިތުރު ލުއިތަކެއް ދިނުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަޑުޖައްސާލައްވައިފި އެވެ.
އުތުރު އިނގިރޭސިވިލާތުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށް ހޮނިހިރު ދުވަހު އެގައުމުގެ ކެސީނޯތަކާއި، ބޯވްލިންގ ކުޅޭ ތަންތަނާއި ސްކޭޓް ކުރާ ތަންތަން ހުޅުވާލުމަށް ކުރިން ނިންމާފައި އޮތް ނިންމުން ވަނީ އިތުރު ދެ ހަފްތާއަށް ދިގު ދައްމާލާފަ އެވެ. މީގެއިތުރުން ކައިވެނި ހަފްލާތައްވެސް އަދިވެސް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
އޮންލައިންކޮށް ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވީ ޑޭޝް ބޯޑުން ފެންނަ އަދަދުތަކުން އިންޒާރުތައް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން ލޮކްޑައުން ގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއްދީފިނަމަ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ދަތިތަކެއް ދިމާވެދާނެކަމަށް ޖޯންސަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު 55,000ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ޔޫރަޕްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީވެސް އިނގިރޭސިވިލާތެވެ.
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ލުއިތައް ނުދޭން އިނގިރޭސި ބޮޑުވަޒީރު މިނިންމެވި ނިންމެވުމަކީ ލުއިތައް ދޭންފެށިފަހުން ނިންމެވި އެންމެ ބޮޑު ނިންމެވުމެވެ. އެކަން ހާމަކުރައްވަމުން ޖޯންސަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގިވަޑައިގަންނަވާ ކަަމަށާއި އެކަމާއި މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިފިޔަވަޅުތައް އަޅުއްވަން ޖެހޭކަމަށް ޖޯންސަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ބުރާސްފަތި ދުވަހު ވަނީ 846 މީހުންނަށް ވައިރަސް ޖެހިފައެވެ. އެއީ ޖުލައި މަހުގެ ރިކޯޑް އަދަދެކެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިން ލަފާކުރާ ގޮތުގައި ވައިރަސް ޖެހޭ މީހުންގެ ނިސްބަތް އެގައުމުގައި ހާހަކަށްވުރެ ދަށުގައި ދެން ހުރެދާނެކަމަކަށް ނުބެލެވެ އެވެ. މީގެއިތުރުން އެގައުމުގައި ވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު މެއި މަހުގެ ފަހުން އަނެއްކާވެސް ވައިރަސް ފެތުރޭ މިންވަރު އަންނަނީ މަތިވަމުންނެވެ.