ޗައިނާގައި ބުރާސްފަތި ދުވަހު 127 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.
ހުކުރު ދުވަހު އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ މި އަދަދަކީ މަރޗް މަހުގެ 5 ވަނަ ދުވަހުގެ ފަހުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކުރެވުނު އަދަދުކަމަށެވެ. ޗައިނާއިން ބުދަ ދުވަހު 105 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި އަންގާރަ ދުވަހު ވަނީ ތިން މަސްފަހުން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސްޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެއީ 101 މީހުންނެވެ. ޗައިނާގައި މިފަހަކުން އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދަމުންނެވެ.
ބުރާސްފަތި ދުވަހު ވައިރަސް ޖެހުނު 127 މީހުންގެ ތެރެއިން 112 މީހުންނަކީ މިވަގުތު ޗައިނާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ހުޅަނގު ޝިންޖިއަންގ އިން ފެނުނު މީހުންނެވެ. އޭގެކުރިން ދުވަހުން އެ ޕްރޮވިންސުން 96 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ.
ދެން ފެނުނު ކޭސްތަކުގެ ތެރެއިން 11 މީހުންނަކީ ލިއަނިންގ ޕްރޮވިންސުން ފެނުނު 11 މީހުންނާއި އެގައުމަށް އެތެރެވި މީހުންގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވި ހަތަރު މީހެކެވެ. މީގެއިތުރުން ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި ބުރާސްފަތި ދުވަހު 11 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފަ އެވެ.
ޗައިނާގައި މިހާތަނަށް އައިއިރު 84,292 މީހުން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު ވައިރަސް ޖެހިގެން 4,634 މީހުން ވަނީ މަރުވެފަ އެވެ.