ގދ. މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އަހުމަދު ތާހާ އެމަގާމުން ވަކިކޮށްފިއެވެ.
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އަހުމަދު ތާހާ އެމަގާމުން ވަކިކޮށްފައި ވަނީ ބުދަދުވަހުއެވެ. އެކަން އޭނާއަށް ވަނީ ސިޓީއަކުން އަންގާފައެވެ.
ގދ. މަދަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރުގެ މަގާމުން ތާހާ ވަކިކޮށްފައި ވަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދާ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް އޭނާ ރާއްޖެއެމްވީއަށް ބުންޏެވެ. ތާހާ އަކީ ޕީޕީއެމްގެ މެމްބަރެއް ވެސް މެއެވެ.
ތާހާ މަޑަވެލީ ހޮސްޕިޓަލުގެ ސީނިއަ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮގަސްޓް 18، 2015 ގައެވެ. އޭނާ އަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީގައި ވަނީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.
"RY aai sarukaaru promtote kuramun dhanikoh ehves sababeh nethive vazeefaa in vakikohdhinythy varah bodah shukuru dhannavan" pic.twitter.com/20DGGCbtZm
— Ahmed Thoaha (@ahaoht) April 12, 2017
ތާހާ ވަނީ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު، ކުރިން ޖުމްހޫރީ ޕާޓީގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ. އެޓްވީޓުގައި ބުނެފައިވަނީ އެއީ ހަގީގީ ޖޭޕީ ކަމަށެވެ.
#AsluJP#TeamKanzu pic.twitter.com/W03NyiJMzb
— Ahmed Thoaha (@ahaoht) April 12, 2017
މަޑަވެލި ދާއިރާގެ މެމްބަރު އިންތިހާބު ވެފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާވަނީ ޖޭޕީއަށް ސޮއިކުރުމަށް ފަހު ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުއާޒަށް މެމްބަރުކަން ލިބުނީ އެޕާޓީގެ އެހީތެރިކަމާ އެކީގައި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ތާހާ މަގާމުން ވަކިކޮށްފައިވާއިރު ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައީސް މައުމޫންގެ ޓީމާ ގުޅިވަޑައިގަތުމާ އެކު ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާތެރޭގައެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ޕީޕީއެމަށް ސޮއިކުރުވަމުން ގެންދާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އަދި ސޮއިކުރުމަށް ދެކޮޅު ހަދާ ފަރާތްތައް ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.