ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް އެހެން ބެހެއްޓުމަކީ، އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ ލަދުވެތިކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ބަންދުގައި ގާސިމް ހުރި ހުރުމަށް އިޝާރާތް ކުރައްވާ، ނަޝީދު ވިދާޅުވެފައިވަނީ، ގާސިމް އަކީ ރާއްޖޭގެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެހީ ބޭނުންވާ ފަރާތްތަކަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މާމިގިލީ ދައިރާގެ މެންބަރުކަން ކުރައްވަމުންގެންދަވާ ގާސިމް ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަކީ އެނާއަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އިތުރުން، ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލުން ވަނީ އުފުލާފަ އެވެ.
Hon Qasim is a Fmr Minister, sitting MP, biggest employer & a philanthropist. To hold him in solitary is torture & ill-treatment. Shameful.
— Mohamed Nasheed (@MohamedNasheed) April 12, 2017
ގާސިމް ހައްޔަރުކޮށްފައިވަނީ މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
މީގެ އިތުރުން ކިނބިދޫ ދައިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ގާނޫނު ތަންޒީފު ކުރާ މުއައްޒަކަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.
އިދިކޮޅުފަރާތްތަކުން ގުޅިގެން އަންނަނީ ސަރުކާރުގެ މަސައްކަތްތައް ފާޑުވިދާޅުވެ، ގައުމު އިސްލާހު ކުރުމަށް ކަމަށް ބުނެ މަސައްކަތް ފަށާފަ އެވެ.
އަދި މިގޮތަށް ގާސިމް ހައްޔަރުކޮށްފައިވަނީވެސް އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތައް ހުރަސް އެޅުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.