ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް އަންދްރޭ ޕިރްލޯ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެހެންކަމުން މިއީ 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ޕިރްލޯ ހަވާލުވަނީ އެ ޓީމުގެ މިހާރުގެ ކޯޗު ފަބިއޯ ޕެކިއާ މަގާމު ދޫކޮށްލުމަށް ނިންމާފައިވުމާ ގުޅިގެންނެވެ. ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލުމުގެ ކުރިން ޕެކިއާގެ ކޯޗުކަމުގައި ޔުވެންޓަސްގެ ޒުވާން ޓީމުން ވަނީ އިޓަލީގެ ތިންވަނަ ޑިވިޝަންގެ ކަޕް މުބާރާތް ކާމިޔާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ޕިރްލޯ ހަވާލުވާއިރު، އެޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ރޮބާޓޯ ބަރޯނިއާ ގެނައުމަށް ވަނީ ހަމަޖައްސާފައެވެ. ބަރޯނިއޯ މިހާރު މަސައްކަތް ކުރަމުން ދަނީ ނާޕޮލީގެ 19 އަހަރުން ދަށުގެ ޓީމުގައެވެ.ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު ކަމަށްވާ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.
އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ އެކު 2000 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޕިރްލޯ ވަނީ އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔަބުކުރިއިރު މޮޅު ކުޅުމެއް ދައްކާއެވެ.
އިންޓަ މިލާނާއި، އޭސީ މިލާންގެ އިތުރުން ޔުވެންޓަސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕިރްލޯ ވަނީ ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީއަށެވެ.