ތިން މަސްފަހުން ޗައިނާގައި ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިކޯޑްކުރެވިފައިވަނީ އަންގާރަ ދުވަހު ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.
އަންގާރަ ދުވަހު ޗައިނާގެ 101 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު ކޮމިޝަނުން ބުނެއެވެ. މިއީ އޭޕްރީލް މަހުގެ ފަހުން އެގައުމުގައި އެއްދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަހެވެ.
މުޅި ދުނިޔޭގެ 16 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފައިވާއިރު އަދިވެސް ގިނަ ގައުމުތަކަކުން އަންނަނީ ވައިރަސް ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާ އަކީ އެންމެ ފުރަތަމަ މިވައިރަސް ފެނުނު ގައުމަށްވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު މިހާރު ޗައިނާ އިން އަންނަނީ އާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތް ކުރަމުންނެވެ.
އަންގާރަ ދުވަހު ފެނުނު 101 މީހުންގެ ތެރެއިން 89 މީހުންނަކީ މިވަގުތު ޗައިނާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ހުޅަނގު ޝިންޖިއަންގ ސަރަހައްދުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންނެވެ. އެކަކު ފެނުނީ ވެރިރަށް ބެއިޖިންގ އިންނެވެ. ތިން މީހުންނަކީ އެގައުމަށް އެތެރެވެ މީހުންކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި ހުރި 27 މީހަކު އަންގާރަ ދުވަހު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް އައިއިރު ޗައިނާއިން 84060 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން 4634 މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފަ އެވެ.