ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އަނެއްކާ ވެސް ގޯސްވަމުން އަންނަ ކަމަށް ސިއްހީ މާހިރުން ބުނެފައިވަނިކޮށް، އިދިކޮޅުން އަންގާރަ ދުވަހު ބޭއްވު މުޒާހަރަގައި ފުލުހުންގެ ގަޔަށް ހައްޕުޑު ޖަހައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން އަންގާރަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުޑު ޖަހާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ސީޕީ ހަމީދު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދިވެސް މި ތިބީ ކޮވިޑް-19ގެ ނުރައްކަލުގެ ތެރޭގައި ކަމަށާއި މިފަދަ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެ ކަންތައް ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވި މީހަކު މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުޑު ޖަހާފައިވާ ކަމަށެވެ. އަދި މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށާއި، މިކަންކުރި ފަރާތް ހޯދައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ.
ފްރަންޓްލައިންގައި ހަރަކާތްތެރިވި 2 ފުލުހެއްގެ ގަޔަށް ހައްޕުޑު ޖަހާފައިވާ އިރު، ކޮވިޑް-19 ގެ ކޭސްތައް ވެރިކަން ކުރާ މާލެ ސިޓީގައި ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ސަބަބެއްގެ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން އަންނަނީ އިޖްތިމާއީ ގައިދުރުކަން ނުބެހެއްޓުމާއި، މާސްކު ނޭޅުމާއި ސިއްހީ ގޮތުން ނޭދެވޭ ބައެއް އަމަލުތައް ކުރުމުގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ނުކުރުން ކަމަށެވެ.
2 ފުލުހުއްގެ ގަޔަށް ހައްޕުޑު ޖަހާފައިވާ އިރު، ކޮވިޑް-19 ފެތުރެނީ ޑްރޮޕްލެޓްސްތަކުން ކަން މިހާތަނަށް ހޯދިފައިވާ އިރު، މާލޭގައި އަލާމާތްތައް ނުފެނި ބަލިޖެހިފައިވާ މީހުން ތިބެދާނެ ކަމަށް ޑޮކްޓަރުން ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ. އަދި ބަލި ޖެހިފައި ހުރިކަން ނޭނގި ބަޔަކު ތިބެދާނެކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ އިރު، އަންގާރަ ދުވަހުގެ މުޒާހަރާއިން ފެނުނު އަމަލަކީ ބަލި ފެތުރެން މެދުވެރިވެދާނެ ސަބަބެކެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި 2 ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިޔަކު ހައްޕުޑު ޖެހިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަބަދު ވެސް ފަޚުރުވެރިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ އިން ދުވަހަކު ވެސް ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަކަށް ކުރިމައްޗެއް ނުލައްވާނެ ކަމަށާއި، އެއީ އިދިކޮޅުގެ އިހުތިރާމާއި ލޯތްބާއި ގަދަރު ލިބިގެންވާ ދެ މުއައްސަސާ ކަމަށެވެ.
މީގެ އިތުރުން ޕީޕިއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހީ އެހެން ބަޔަކު ރާވައިގެން ކަމަށެވެ. އަދި އިދިކޮޅުން ރާވާފައި ވަނީ "ކުޅުތަޅަން" ކަމަށް ބުނެ ފުލުސް އޮފިސަރަކު ގޮސް އޭނާ ކައިރީގައި ބުނި ކަމަށާއި، އެއީ މުޒާހަރާ ފެށުމުގެ ކުރިން އަންގާރަ ދުވަހުގެ ރޭގެ 8:22 ގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ރެއިން ފެށިގެން އިދިކޮޅުން މާލޭގައި މުޒާހާރާ ބާއްވަން ފަށާފައިވާ އިރު، މާލޭގައި ބާއްވާ އެއްވުންތައް ކުރިއަށް ގެންދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވާއިދުތަކާއި އެއްގޮތަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުން މި ހާލަތުގައި 30ށް ވުރެ ގިނަ މީހުންނަށް އެއް ނުވެވޭނެއެވެ. އަދި އެއްވާ މީހުންވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެންނެވެ.
އަންގާރަ ދުވަހުގެރޭ ފުލުހުންގެ އިދާރާއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައިވާއިރު، ފޮރޮންޓްލައިން މަސައްކަތްކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު ގިނަވަމުން އަންނަ ކަމަށެވެ. އެހެންކަމުން ގާނޫނީ ތަރަހައިގެ ތެރެއިން، ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.