އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންގާރަ ދުވަހުގެރޭ ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި މުޒާހަރާ ފެށީ މިނިވަން ދުވަހުގެރޭވެސް މުޒާހަރާ ފެށި ސަރަހައްދު ކަމަށްވާ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން 20:15 ހާއިރުއެވެ. އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން އިށީންދެގެން ތިއްބާ ފުލުހުން ވަނީ އެ މީހުން އެތަނުން ފޮނުޥާލާފައެވެ.
އެއަށްފަހު މަގުތަކުގައި އަޑު އުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް އިށީންދެލައިގެން ތިބީ މަޖީދީމަގާއި ސޯސަން މަގު ގުޅޭ ސަރަހައްދު ކަންމަތީގައެވެ. ގާތް ގަނޑަކަށް 100 އެއްހާ މީހުން ބައިވެރިވި މުޒާހަރާގައި އެމީހުން ގޮވާލީ މަނިލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުުރުމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށެެވެ.
އެ ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ ފުލުހުންގެ ސަފު ފޫއަޅުވާލާފައެވެ. ސޯސަން މަގު ސަރަހައްދުގައި ފުލުހުން ވަނީ މުޒާހަރާ ބައިވެރިން ތެރޭއަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ. މުޒާހަރާ ނިންމާލީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
އިދިކޮޅުން މުޒާހަރާ ކޮށްފައިމިވަނީ، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެކު މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް ފުލުހުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.